ސެޕްޓެމްބަރު މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވު (ޔޫޒަބަލް ރިޒާވު) 169 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އޮގަސްޓު މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 200.6 މިލިއަން ޑޮލަރު ހުރުމުން، އެއް މަހުގެ ތެރޭގައި ރިޒާވު 15.4 ޕަސެންޓް ދަށްވެފައިވެއެވެ. ހަމަ މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ރަސްމީ ރިޒާވު ވެސް 14.9 ޕަސެންޓް ދަށްވެ، 547 މިލިއަން ޑޮލަރަށް އައިސްފައިވެއެވެ.
ރިޒާވު ދަށްވި މައިގަނޑު ސަބަބަކީ ސެޕްޓެމްބަރުގައި އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާއަށްވުރެ، އެ އިދާރާއިން ވިއްކި ބޭރު ފައިސާގެ އަދަދު ގިނަވުމެވެ. އޮގަސްޓާ އަޅާބަލާއިރު، އެމްއެމްއޭއިން ބޭރު ފައިސާ ވިއްކި މިންވަރު 46.9 ޕަސެންޓް އިތުރުވެފައިވެއެވެ.
މި އިތުރުވުމުގެ ބޮޑު ސަބަބަކީ، 2019 ވަނަ އަހަރު ބަޖެޓަށް އެހީވުމަށް ސަރުކާރުން އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލުން ބާކީ ހުރި 50 މިލިއަން ޑޮލަރު ދައްކައި ނިންމުމަށް، އެމްއެމްއޭއިން ސަރުކާރަށް ޑޮލަރު ވިއްކުމެވެ.
ކޮމެންޓު ފޮނުވާ