މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަލަހައްޓާ ޓީ-ޖެޓީ ސަރަޙައްދަށް، ބަރުމަރުކާ ނެތް އުޅަނދުފަހަރު ވަނުން އަންނަ ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ނިންމައިފިއެވެ.
އެމްޕީއެލްއިން ބުނީ، ކަނޑު ދަތުރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމާއި، ހުއްދަ މިންވަރަށްވުރެ ބޮޑަށް މުދާ ބަރުކޮށްގެން ދަތުރުކުރުން ހުއްޓުވުމުގެ ގޮތުން، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މި ފިޔަވަޅު އަޅަން ނިންމި ކަމަށެވެ.
އާ އުސޫލުގެ ދަށުން، ޓީ-ޖެޓީ ބޭނުންކުރާ ކޮންމެ އުޅަނދެއްގެ އަރިމަތީގައި ބަރުމަރުކާގެ ނިޝާން ސާފުކޮށް ފެންނަން ހުންނަންވާނެއެވެ. އަދި މުއްދަތު ހަމަނުވާ ބަރުމަރުކާ ސެޓްފިކެޓަކާއި، ދަތުރުކުރުމަށް ބޭނުންވާ ހުރިހާ ޤާނޫނީ އަދި ރަސްމީ ލިޔެކިޔުމެއް ވެސް ފުރިހަމަވެފައި ހުންނަންވާނެއެވެ.
މި ބަދަލާ ގުޅިގެން، މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކޮށް، އުސޫލާ އެއްގޮތަށް އުޅަނދުތަކުގައި ނިޝާން ޖެހުމަށް އުޅަނދުވެރިންނާއި ކެޕްޓަނުންނަށް އެމްޕީއެލްއިން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ