ކަނޑުގެ ލޮނުގަނޑު މައްޗަށް އުފުލެމުން ދިއުމުން ކުދި ޖަޒީރާ ގައުމުތަކާއި އައްސޭރިފަށުގެ ގައުމުތަކަށް ކުރިމަތިވާ ނުރައްކާތަކުން ހިމާޔަތްކޮށް، އެ ގައުމުތަކުގެ ސިޔާދަތު ކަށަވަރުކޮށްދޭ ގަރާރެއް އދ. ގެ އާންމު މަޖިލީހުން އެއްބަސްވުމާ އެކު ފާސްކޮށްފި އެވެ. މިދިޔަ މަހުގެ 24 ގައި ފާސްކުރި މި ގަރާރަކީ މި މައްސަލައިގައި އދ. އިން ފާސްކުރި ފުރަތަމަ ފުރިހަމަ ގަރާރެވެ.
ގަރާރުގެ ދަށުން، ކަނޑުގެ ލޮނުގަނޑު އުފުލި ގައުމެއްގެ ބިމުން ބައެއް ގެއްލުނަސް، އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އދ. ގެ މެންބަރުކަން ދެމިއޮންނާނެ އެވެ. ބިންގަނޑަށް ބަދަލު އައިޔަސް، ކަނޑުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އިގުތިސާދީ ހާއްސަ ސަރަހައްދުތަކާއި ކަނޑުގެ އިންތައް ވެސް ބަދަލެއް ނުވާނެ އެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް ދޭ މާލީ އެހީ އިތުރުކުރުމަށް ވެސް ގަރާރުގައި ގޮވާލާފައިވެ އެވެ.
މި ގަރާރަކީ އެތައް އަހަރެއް ވަންދެން ރާއްޖެއިން ކުރަމުން އައި ވަކާލާތުގެ ނަތީޖާއެކެވެ. 1989 ވަނަ އަހަރު މާލޭގައި ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ ބައްދަލުވުމުގައި "މާލެ ޑިކްލަރޭޝަން" އެކުލަވާލުމާ އެކު މި މަސައްކަތް ފެށުނެވެ.
އދ. ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ މި ނުރައްކަލާ ކުރިމަތިލާން ޖެހޭނީ ފަސްނުޖެހި، ސާބިތުކަމާ އެކު ކަމަށެވެ. ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީ އަވަސްކޮށްދިނުމަށާއި ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އެ ގައުމުތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވެސް ނައިބު ރައީސް ގޮވާލެއްވި އެވެ.
ކޮމެންޓު ފޮނުވާ