ރަސްމާލޭގެ 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ހެދި އެއްބަސްވުން ބާތިލުކުރަން އެދި ހުށަހެޅި ދުސްތޫރީ މައްސަލަ، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ބަލައިނުގަތުމަށް ނިންމައިފި އެވެ.
މި މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިންއެވެ. މިއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ރަޖިސްޓްރާ ވަނީ ބުނެފަ އެވެ. ކޯޓުތަކުގެ ގާނޫނުގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ކަމަށް ބަޔާންކުރަނީ، ގައުމު ދުސްތޫރީ ހުސްކަމަކަށް ދިޔުމުގެ ނުރައްކާ އޮތް މައްސަލަތަކާއި، ގާނޫނުއަސާސީ މާނަކުރުމުގައި ދައުލަތުގެ މުއައްސަސާތަކާ ދެމެދު ޖެހޭ ހިލާފުތަކާއި، އާންމު މަސްލަހަތާ ގުޅޭ ދުސްތޫރީ މައްސަލަތަކެވެ. ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް ރިވިއުއަށް ހުށަހެޅިދާނެ އެވެ.
އަލީ ހުސައިންގެ މައްސަލައިގައި ބުނެފައިވަނީ، އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ނެގުމަކާ ނުލައި ބިން ދީފައިވާއިރު، ތިންވަނަ ފަރާތްތަކަށް ޖެހިޖެހިގެން ކުއްޔަށް ދިނުމުގެ ހައްގު ވެސް އީގަލް ހިލްސްއަށް ލިބިފައިވާތީ، ބިމުގެ ހައްގުތައް ދާއިމީ ގޮތެއްގައި ބޭރުގެ ފަރާތްތަކަށް ދިޔުމަށް މަގުފަހިވާ ކަމަށެވެ. އެހެންކަމުން މި އެއްބަސްވުމަކީ ގާނޫނުއަސާސީގެ 250 އަދި 251 ވަނަ މާއްދާއާ ހިލާފު، އުފެދުމުގައި ވެސް ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމާއި، މައްސަލަ ނިމެންދެން އެއްބަސްވުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އޭނާ އެދިފައިވެ އެވެ.
ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި، މަޝްރޫއުގެ މަސައްކަތް ފެށުމުގެ ކުރިން ވެސް ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާގެ އަގުހުރި 5،000 ހައުސިން ޔުނިޓް ދައުލަތަށް ލިބޭނެ އެވެ. ޕްރޮޕަޓީ ވިއްކައިގެން ލިބޭ ފައިސާ ސަރުކާރުގެ ކޮންޓްރޯލް އޮންނަ އެސްކްރޯ އެކައުންޓަކަށް ޖަމާވާނެ ކަމަށާއި، އެއްވެސް ޓެކްސް ލުޔެއް ދީފައި ނުވާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
ކޮމެންޓު ފޮނުވާ