ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަޢުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. މި މައްސަލައަކީ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ދައުރުގައި ހިންގި ކޮރަޕްޝަން މައްސަލައެކެވެ.
ކުށް ސާބިތުވި ނަމަވެސް ދީނާއަށް އަދި ހުކުމެއް ނުކުރެއެވެ. އޭނާއަށް ދޭނެ އަދަބު ކަނޑައަޅާނީ ދެން އޮންނަ ޝަރީޢަތުގެ އަޑުއެހުމުގައެވެ.
މި މައްސަލައިގައި ސައީދަށް އަހަރަކާ ކައިރި ދުވަސް ކުރިން ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ދީނާގެ ބައި އޮތީ ނުނިމިއެވެ.
މައްސަލައަކީ 2019 ވަނަ އަހަރު ބްލޭޒަން އިންކް ކުންފުންޏާއެކު ހެދި އެއްބަސްވުމެއްގެ ދަށުން، މަސައްކަތް ނުނިމެނީސް އަދި ނިމުނުކަން ކަށަވަރު ނުކޮށް ފައިސާ ދޫކޮށްފައިވާ މައްސަލައެވެ. މަސައްކަތް ނިމުމުގެ ކުރިން އިތުރު އެއްބަސްވުމެއް ހަދާފައިވާކަންވެސް ތަޙުޤީޤުން ހާމަވިއެވެ.
ސައީދަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވެފައިވަނީ، ސަރުކާރުގެ ކުންފުނިތަކުގައި ކޮރަޕްޝަން އާންމުވެފައިވާތީ ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ