ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ ތެރެއިން 623 މިލިއަން ރުފިޔާ، މި އަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި ހޯދިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މި ފައިސާގެ އެންމެ ބޮޑު ބައި، އެއީ 394.5 މިލިއަން ރުފިޔާ ހޯދިފައިވަނީ ފައިސާ ދެއްކުމަށް އެދި ފޮނުވި ނޯޓިސްތަކުގެ ސަބަބުންނެވެ. އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން 123.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފައިސާ ދެއްކުމަށް ދިން ފުރުސަތުގައި 86.58 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. ފޯނުން ގުޅައި އީމެއިލް ފޮނުވައިގެން 10 މިލިއަން ރުފިޔާ ހޯދިއިރު، ބޭންކް އެކައުންޓްތައް ހިފަހައްޓައިގެން 8.43 މިލިއަން ރުފިޔާ ހޯދިފައިވެ އެވެ.
ނަމަވެސް، ދައުލަތަށް ލިބެން ޖެހި ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 14 ބިލިއަން ރުފިޔާއަށް ވުރެ މަތީގައި އޮތް ކަމަށް މީރާގެ ހިސާބުތަކުން ދައްކަ އެވެ.
މި އަހަރުގެ ފުރަތަމަ 10 މަހުގެ ތެރޭގައި މީރާ މެދުވެރިކޮށް ދައުލަތަށް 27.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2.3 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ކޮމެންޓު ފޮނުވާ