އަންނަ އަހަރުން ފެށިގެން ޙައްޖަށް ދާ މީހުންގެ މެޑިކަލް ޗެކަޕް ހިލޭ ހަދައިދޭން ސަރުކާރުން ނިންމައިފިއެވެ.
މި ނިންމުން ހާމަކުރެއްވީ ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް، ރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. މި ޚިދުމަތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަނާއި ހެލްތު މިނިސްޓްރީއާއި އާސަންދަ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ޙައްޖުވެރިންނަށް މެޑިކަލް ޗެކަޕް ހެދުމަކީ ލާޒިމް ކަމެއް ކަމަށާއި، ދަތުރުގެ ކުރިން ކޮންމެ މީހެއްގެ ޞިއްޙީ ހާލަތު އެނގުމުން އިދާރީ އިންތިޒާމުތަކާއި ދިމާވެދާނެ ޞިއްޙީ ހާލަތްތަކަށް ދުރާލާ ތައްޔާރުވެވޭނެ ކަމަށް ފިރުޒުލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޔަޤީންކަމާ އެއްގޮތަށް، އަންނަ ނޮވެންބަރު ޢުމްރާއިން ފެށިގެން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށް ދާ މީހުންނަށް، އެމީހަކާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން އިތުރު އަގަކާ ނުލައި ވެކްސިން ޖަހައިދޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. މީގެ ކުރިން ހިލޭ ވެކްސިން ޖަހައިދިނީ މާލެ ސިޓީގައި އެކަންޏެވެ.
ކޮމެންޓު ފޮނުވާ