ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިންގި ޚިޔާނާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަމުރަށް ކުރި ކަމެއް ކަމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ބުނެފިއެވެ.
ރ. ފުއްގިރި އާއި ވ. އާރަށް ކުއްޔަށް ދިނުމާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ފުއްގިރީގެ މައްސަލައިގައި ދައުލަތުގެ ޚުލާސާ ބަޔާން ހުށަހެޅީ ތިނަދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ. މި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ފައިސާ ހުވަފެން ކުރުމާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ.
ޔާމީންގެ ދިފާއަކީ މި މައްސަލާގައި ހިމެނޭ ފައިސާއަކީ ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާ ކަމަށް ވީނަމަވެސް، ދައުލަތުން ބުނީ އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދި ފައިސާ ކަމަށެވެ. އެ ފައިސާއަށް ބަދަލުގައި ދިން ދިވެހި ރުފިޔާ ކޮބައިތޯ ސުވާލުކުރި ދައުލަތުން، ޑޮލަރު މާރުކުރުމުގެ ދިފާއު ބަލައިނުގަތުމަށް ކޯޓަށް އެދުނެވެ.
ބިޑަކާ ނުލައި 1.55 މިލިއަން ޑޮލަރަށް ފުއްގިރި ދުބާއީގެ ކުންފުންޏަކަށް ދިނީ ޔާމީނަށް ފައިސާ ހޯދުމުގެ މަޤްޞަދުގައި ކަމަށާއި، ދައުލަތަށް ކުޑަ އަގެއް ދައްކައި ބާކީ ފައިސާ ޕާޓީއަށާއި ޔާމީނަށް ލިބޭގޮތަށް ރޭވުނު ކަމެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޔާމީން ކަމަށާއި، އަދީބުގެ ކޮރަޕްޝަނާ ބެހޭ މަޢުލޫމާތު ލިބިވަޑައިގެން ހުއްޓަވައި ނައިބު ރައީސްކަމަށް އައްޔަން ކުރެއްވި ކަމަށްވެސް ދައުލަތުން ފާހަގަކުރިއެވެ.
ދިފާއުގެ ޚުލާސާ ބަޔާން މާދަމާ ހުށަހަޅާނެއެވެ. މި މައްސަލައިގައި އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތުގެ ހެކިބަސް ނަގާނެ ކަމަށާއި، ދެފަރާތުން ހެކި ހުށަހެޅުން ތާވަލުކޮށްފައިވަނީ 12 ނޮވެމްބަރަށެވެ.
ކޮމެންޓު ފޮނުވާ