މޯލްޑިވިއަނަށް އޭ220-300 ގެ ދެ ބޯޓު ލީޒަށް ހޯދަނީ

މޯލްޑިވިއަނަށް އޭ220-300 ގެ ދެ ބޯޓު ލީޒަށް ހޯދަނީ

Author
އަހުމަދު
11 އޮކްޓޯބަރ 2026 04:36
0

 

ގައުމީ އެއާލައިން މޯލްޑިވިއަނުން، އެއާބަސް އޭ220-300 މަރުކާގެ ދެ ބޯޓު އޮޕަރޭޓިން ލީޒް އުސޫލުން ހޯދުމަށް ނިންމައި، ޝަރުތު ހަމަވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

މޯލްޑިވިއަނުން ބުނީ މި ބޯޓުތައް ހޯދަނީ ކުންފުނީގެ ފްލީޓް ޒަމާނީކުރުމުގެ މަޤްޞަދުގައި ކަމަށެވެ. އިއުލާނުގައިވާ ގޮތުން، ފުރަތަމަ ބޯޓު އަންނަ އަހަރުގެ ފަހު ކުއާޓަރުގައި ފޯރުކޮށްދޭން ޖެހޭއިރު، ދެވަނަ ބޯޓު ފޯރުކޮށްދޭން ޖެހެނީ 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގަ އެވެ.

މޯލްޑިވިއަނުން 2012 ވަނަ އަހަރުން ފެށިގެން އެއާބަސް އޭ320 ބޯޓެއް އޮޕަރޭޓްކުރަމުން އަންނައިރު، ދުރު މަންޒިލްތަކަށް ދަތުރުކުރުމަށް މިދިޔަ އަހަރުގެ ޖަނަވަރީ މަހު އޭ330-200 ބޯޓެއް ވެސް ފްލީޓަށް އިތުރުކޮށްފައިވެ އެވެ. ރާއްޖޭގެ ތެރޭގައި 18 މަންޒިލަކަށް ދަތުރުކުރާ މި ކުންފުނިން އެތެރޭގެ ދަތުރުތަކަށް ބޭނުންކުރަނީ އޭޓީއާރު 72-600 ގެ ދެ ބޯޓާއި، އޭޓީއާރު 42-600 ގެ ތިން ބޯޓާއި، ޑީއެޗްސީ-8 މަރުކާގެ ހަތް ބޯޓެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދާ އެއްގޮތަށް ގައުމީ އެއާލައިނަށް އިތުރު ވައިޑް ބޮޑީ ބޯޓެއް ގެނައުމަށް ވެސް ސަރުކާރުން މަސައްކަތްކުރަމުން ދަނީ އެވެ. އެ ބޯޓު މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ގެނައުމަށް އައިލެންޑް އޭވިއޭޝަނުން މަސައްކަތްކުރަމުންދާ ކަމަށް މޯލްޑިވިއަނުން ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.