ތިނަދޫ މޭޔަރަށް ވަކީލަކު ހަމަޖެއްސުމަށް ކޯޓުން 10 ދުވަސް ދީފި

ތިނަދޫ މޭޔަރަށް ވަކީލަކު ހަމަޖެއްސުމަށް ކޯޓުން 10 ދުވަސް ދީފި

Author
އަހުމަދު
05 އޮކްޓޯބަރ 2026 07:49
0

ގދ. ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީޢަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ. ސަޢުދަށް ދައުވާ ކޮށްފައިވަނީ ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމާއި ތަޙުޤީޤަށް ހުރަސްއެޅުމުގެ ތުހުމަތުގައެވެ. މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި، ވަކީލަކު ހަމަޖެއްސުމަށް ކޯޓުން ސަޢުދަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލައަކީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމުގައި ރަށުގެ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތެވެ. ޤާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ލިބޭނީ އާބާދީ 10،000 އަށް އަރާ ރަށްރަށަށް ކަމަށް ވީނަމަވެސް، ތިނަދޫގައި މިހާރުވެސް އެ އަދަދަށް ރައްޔިތުން ނެތް ކަމަށް ބުނެއެވެ. މޭޔަރު ސަޢުދު ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ތިނަދޫ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ރައީސް ޞާލިޙުގެ ވެރިކަމުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު، އޮގަސްޓް 30 ގައެވެ. މިހާރުގެ ސަރުކާރުންވެސް އެ ނިންމުން ބަދަލުނުކޮށް ދެމެހެއްޓުމަށް ނިންމާފައިވެއެވެ.

މީގެ އިތުރުން، ގަވާއިދާ ޚިލާފަށް ބިންތައް ދިން މައްސަލައެއްގައި ތިނަދޫ މޭޔަރާއި ކުރީގެ ކައުންސިލް މެމްބަރުންނަށް ދައުވާ ކުރުމަށްވެސް އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.