ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް ދައްކަން ޖެހިފައިވާ 253،030 ޑޮލަރު (ގާތްގަނޑަކަށް 4 މިލިއަން ރުފިޔާ) އޭއެފްސީން މާފުކޮށް، ރާއްޖެ އަށް ފަންޑު ދިނުން ހުއްޓާލާފައި އޮތް ސަސްޕެންޝަން ވެސް އުވާލައިފި އެވެ.
މިއަދު ނެރުނު ބަޔާނެއްގައި އެފްއޭއެމް އިން ބުނީ، 2023 ވަނަ އަހަރު ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕްގެ ދުވަސްވަރު އޭއެފްސީން ދިން ފައިސާ ނުރަނގަޅު ގޮތުގައި ބޭނުންކުރި ކަން އޮޑިޓަކުން ފާހަގަވުމާ ގުޅިގެން، އެ ފައިސާ އަނބުރާ ދައްކަން އޭއެފްސީން އެންގި ކަމަށެވެ. އަދި 2024 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އޭއެފްސީގެ ބަޖެޓް ނުލިބި ހުއްޓިފައި އޮތް ކަމަށެވެ.
އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން މިދިޔަ ޖޫން 15 ގައި އޭއެފްސީ އަށް ސިޓީއެއް ފޮނުވައި، ރާއްޖެ އަށް ލުއިތަކެއް ދިނުމަށް އެދުނެވެ. އެ ހުށަހެޅުން ބަލައިގަނެ، މި މަހުގެ 9 ގައި އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީން ލުއިތައް ދިނުމަށް ނިންމައި، ހަތަރު ދުވަސް ކުރިން ބޭއްވުނު ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އެ ނިންމުން ފާސްކުރި އެވެ. މި ނިންމުމާ އެކު، 2027 އިން ފެށިގެން އޭއެފްސީގެ ބަޖެޓް ސަޕޯޓް ޕްރޮގްރާމްގައި ބައިވެރިވެ، ފަންޑަށް އެދުމުގެ ފުރުސަތު ރާއްޖެ އަށް ލިބޭނެ އެވެ.
އެފްއޭއެމް އިން ބުނީ، މި ނިންމުމުގެ ސަބަބުން ދިވެހި ފުޓްބޯޅަ އަލުން އާރާސްތުކޮށް، މާލީ ގޮތުން ސްޓޭބަލް ކުރުމާއި، އޭއެފްސީގެ އެހީގައި ކުޅިވަރު ކުރިއެރުވުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.
ރައީސް އަހުމަދު ތޯރިގު (ޓޮމް) ގެ ލީޑަޝިޕުން މިދިޔަ އަހަރުގެ ޖުލައި 26 ގައި އެފްއޭއެމްގެ ހިންގުން ބަލަހައްޓަން ފެށުމަށް ފަހު، ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާތަކާ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން ދަނީ އެވެ. އެ ގޮތުން، މިދިޔަ އޮކްޓޫބަރުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ އަށް ވަޑައިގެންނެވިއިރު، އެއީ 19 އަހަރު ތެރޭގައި ފީފާގެ ރައީސަކު ރާއްޖެ އަށް ކުރެއްވި ފުރަތަމަ ދަތުރެވެ. އެ ދަތުރުގައި އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕަށް 266،000 ޑޮލަރު (4.1 މިލިއަން ރުފިޔާ) ގެ އެހީއެއް ދިނުމަށް ވެސް ހަމަޖެހުނެވެ.
ކޮމެންޓު ފޮނުވާ