ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ މައްސަލަ މިއަދު ހައިކޯޓަށް ހުށަހަޅަން އިދިކޮޅު ޕްރޮޮގްރެސިވް ކޯލިޝަނުން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މި މައްސަލަ މިއަދު 11 ޖަހާއިރު ކޯޓަށް ހުށަހަޅާނެކަމަށެވެ. ކައުންސިލް އިންތިޚާބު ބޭއްވޭނެ ވަކި ތާރީހެއް ސާފު ނުވިނަމަވެސް އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ދަނީ ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އަދި ސަރުކާރަށް ނިސްބަތްވާ އިސްބޭފުޅުން އަތޮޅު ތެރެއަށް ވަޑައިގެން ކެމްޕެއިން ކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ސިޔާސީ ހަރަކާތްތައް ހިންގަން ހަަމަ ހަމަ ފުރުސަތު ނުދޭތީ ފުލުހުންނާއި، އިލެކްޝަންސް ކޮމިޝަން އަދި އެ ނޫނަސް ކަމާއި ބެހޭ އެހެނިހެން މުއައްސަސާތަަށް އިދިކޮޅުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި މި ފުރުސަތު ހޯދުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އެކި ފަހަރު މަތީން އިލެކްޝަން ކޮމިޝަނާއިވެސް ބައްދަލުކޮށްފައެވެ. ނަމަވެސް މިކަމަށް އެއްވެސް ހައްލެއް ނުލިބި އިދިކޮޅުގެ ލީޑަރޝިޕަށް އަތޮޅު ތެރެއަށް ދަތުރު ނުކުރެވޭތީ ޖަލްސާތައް ބާއްވަމުންދަނީ މާލޭ ބަންދުގައި ތިބެގެންނެވެ.
މިއަދު މައްސަލަ ހުށަހެޅުމަށްފަހު އިދިކޮޅު ލީޑަރޝިޕުން މިކަމާއި ގުޅޭ އިތުރު ތަފްސީލް ދެއްވާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ