ނިމިދިޔަ ވެރިކަމުގެ ދުވަސް ވަރުގައި ސްޕްރީމް ކޯޓަށް ފާޑުކިޔައި ހަދައިގެން އޭރުގައި ނާއިސާފުން ވަރަށް ގިނަ އަދަބު ތަކެއް ލިބުނު ނަމަވެސް ފާޑުކިޔުމާއިއެކު ކަންކަން އިސްލާހު ކުރުމުގައި ދެމި ހުންނެވި ކަމުގައި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝާމިމްގެ އަމިއްލަ ބްލޮގުގައި ޚިޔާލު ތަފާތުވުމާއިއެކުވެސް ކަންކަން ހާސިލް ކުރެވޭނެ ކަމިގެ މައްޗަށް ލިޔުއްވާފައިވާ މަޒުމޫނުގައި ވިދާޅުވީ މީގެ ދުވަސްކޮޅެއްކުރިން އޭނާވެސް ކުރީގެ ސުޕްރީމް ކޯޓާ އިންތިހާއަށް ޚިޔާލުތަފާތުވި ކަމަށެވެ. ޚިޔާލު ތަފާތުވުމުގެ ތެރޭގައި، ކާންބޯންކުރާ މަސައްކަތް (ޤާނޫނީ ވަކީލުކަން) އެތައް ފަހަރަކު ހުރަސް އެޅުނުކަމަށެވެ. ހަމަ ޚިޔާލު ތަފާތުވާއިރަށް، އޭތި މީތި ކިޔައިގެން ބާރު އޮތުމުން ސަސްޕެންޑު ކުރައްވައި، ހެއްދެވި ކަމަށެވެ. ނަމަވެސް އެކަން ކުރެއްވި ބޭފުޅަކާއިމެދު މިއަދުވެސް ހިތް ބުރަކަމެއް ނެތްކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެއެވެ.
އަޅުގަނޑު ސަސްޕެންޑުކުރުމުގެ އެންމެ އިސްދައުރެއް އަދާކުރެއްވީ، އޭރުގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޙަސަން ސަޢީދެ. އެއަށްފަހު އޭރުގެ ފަނޑިޔާރު ޢަލީ ޙަމީދު. މިދެބޭފުޅުންނަކީ އަޅުގަނޑަށް އިންތިހާއަށް އަނިޔާވެރިވި ދެބޭފުޅުން 1 ފެބްރުވަރީ 2018 ގެ ކޯޓުއަމުރަކާ ގުޅިގެން މިދެބޭފުޅުން ހައްޔަރު ކުރެވިގެން މިދެބޭފުޅުންގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްދިނިން. ދަރުމައަށް. އެމަސައްކަތް އަޅުގަނޑު ކޮށްދިނީ ހަމަ އެހެން މީހަކަށްވެސް އެ މަސައްކަތް ކޮށްދޭނެ ގޮތަށް ޕްރޮފެޝަނަލްކޮށް، އިޚްލާޞްތެރިކަމާއެކުގަ. އެބޭފުޅުންގެ ޚިޔާލާއި އަޅުގަނޑުގެ ޚިޔާލާ އޮތް ތަފާތު، މަސައްކަތުގެ ތެރެއަކަށް އަޅުގަނޑެއް ނުގެންނަމު.
– ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ ޤާނޫނީ ދާއިރާއަކީ، އެދާއިރާގެ ގޮތުން ޚިޔާލުތަފާތުވުން ބޮޑު ދާއިރާއެއްކަމަށެވެ. އިދާރާއެއްގެ ކާމިޔާބަކަށްވާނީ، ހަމަ ރަނގަޅަށް، ޢާޠިފީ ޝުޢޫރުތަކުގެ އެންމެ ފުންމިނަށް، ޚިޔާލުތަފާތުވެވޭނެ މާޙައުލެއްގެ ތެރެއިން، އިޙްތިރާމާއެކު ދެބަސްވެ، ގޮތް ނިންމައި، ނިންމާ ގޮތުގެ މައްޗަށް އެންމެންގެ އިތުބާރާއި ޔަޤީންކަން އޮންނަ ނިޒާމެއް އުފެއްދުންކަމަށް ޕީޖީ ވިދާޅުވިއެވެ. އެއީ އޭޖީ އޮފީހުގައި ދަސްވި އެންމެ މުހިންމު ފިލާވަޅުކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އިސްލާމީ ތާރީޚަށް ބަލާއިރު، ޚިޔާލު ތަފާތުވުމަކީ އިސްލާމީ ފިޤުހު ބިނާވެފައި އޮތް އެންމެ މުހިންމު އަސާސް ކަމަށެވެ. އިސްލާމީ ފިޤުހު ތަރައްޤީވެ ކުރިއަރައިފައިވަނީ ޚިޔާލުތަފާތުވުމުގެ މާޙައުލެއްގެ ތެރެއިން ކަމަށާއި، ޝާފިޢީ މަޒްހަބު އެޢިލްމުވެރިއަކަށް ނިސްބަތްވާ ޝާފިޢީގެފާނު، ޢިރާޤުގައި ހުންނެވިއިރު ދެއްވި ރައުޔުތަކާއި، މިޞްރުގައި ދެއްވި ރައުޔުތައް ތަފާތުކަމަށެވެ. މުޖްތަމަޢެއްގައި ދިރިއުޅޭއިރު، ޚިޔާލުތަފާތުވާ މީހުންނާ އަބަދުމެ ދިމާވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަޅުގަނޑުމެން ބަލަންވީ ޚިޔާލު ތަފާތުވާ ކަންކަމާއި ޚިޔާލު އެއްގޮތްވާ ކަންކަން ދެނަގަނެ، އެކަންކަމުގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމެވެ.
ޕީޖީ ވިދާޅުވީ ޚިޔާލުތަފާތު ވުމަކީ އެމަނިކުފާނު ހިތްވަރުދޭ ކަމެއްކަމުގައެވެ. ޚިޔާލެއް ނެތީވިއްޔާ ޝަޚްޞިއްޔަތެއްވެސް އޮންނާނެއެކޭ ހިތެއް ނުބުނާކަމަށާއި، އެދެނީ، އެމަނިކުފާނު ކުރައްވާ ކުރައްވާ ކަންކަމާއިވެސް އެހެންމީހުން ޚިޔާލު ތަފާތުވުމަށް ކަމަށެވެ. އަދި ޚިޔާލާއިއެކު ލިބޭ މަޝްވަރާގެ އަލީގައި ކަންކަން ހާސިލް ކުުރުމުން އޭގެ ނަތީޖާ މާ ފޮނިވާނެކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ