ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ފާއިތުވި ހަފުތާ ތެރޭގައި އަލަށް 13 މީހަކު ވަނީ ހިމަބިއްޔަށް ފައްސިވެފައެވެ. ނަމަވެސް، އޭގެ ކުރީ ހަފުތާގައި ބަލި ޖެހުނު މީހުންގެ ޢަދަދު ފަހަކަށް ދަށްވެފައި އޮތްކަން ފާހަގަކުރެވެއެވެ. މި އަދަދާއެކު، މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 282 އަށް އަރައިފައެވެ. މީގެ އިތުރުން، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، މިހާތަނަށް 16,423 މީހަކަށް އެޗްޕީއޭއިން ވަނީ ވެކްސިން ދީފައެވެ.
ގައިންގަޔަށް ފަސޭހައިން އަރާ މި ބަލިން ރައްކާތެރިވުމަށްޓަކައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވާކަން ޔަޤީން ނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާ ފަރާތްތަކުން، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ޖެއްސެވުމަށްވެސް އެ އޭޖެންސީން ވަނީ އެދިފައެވެ.
ޞިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފާޅުވާން ފަށައިފި ނަމަ، ލަސް ނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބަލީގެ ޢަލާމާތްތަކަށް ސަމާލުވުމަކީ، ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅު ކަމުގައި ޞިއްޙީ މާހިރުން ފާހަގަކުރައްވައެވެ.
ކޮމެންޓު ފޮނުވާ