ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ "އީގަލް ހިލްސް" އިން ރަސްމާލޭގައި ހިންގާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު ފަރުމާ ކޮށްފައި ވަނީ ރާއްޖެއަށް ޑޮލަރު ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ގެނެވޭ ގޮތަށް ކަމުގައި ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ވޯޓާފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް ޢިމާރާތްތައް ހިމެނޭ މި މަޝްރޫޢުގައި ތަރައްޤީކުރާ ތަންތަނުގެ ލީސް ރައިޓްސް ގަތުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު އެ ކުންފުނިން މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މިގޮތުން ލީސް ރައިޓްސް ވިއްކައިގެން ލިބޭ ހުރިހާ ޢާމްދަނީއެއް ފުރަތަމަ ޖަމާކުރާނީ ރާއްޖޭގެ ބޭންކެއްގައި، ސަރުކާރާ އެކު ޤާއިމުކުރެވޭ އެސްކްރޯ އެކައުންޓަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިޤްތިޞާދަށް މިހާރު އަހަރަކު ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު ވަންނަ ކަމަށާއި، ނަމަވެސް ޑޮލަރުން ލިބޭ ޢާމްދަނީގެ ބޮޑު ބައެއް ރާއްޖެއަށް ނާދެ ބޭރުގެ އެކި ދިމަދިމާލަށް ދާ ކަން މަރުކަޒީ ބޭންކުން ފާހަގަކުރެއެވެ. އެހެންވެ، މި މަޝްރޫޢު ފަރުމާކޮށްފައި ވަނީ އެގޮތަށް ޑޮލަރު ބޭރު ނުވެ، ދިވެހި ބޭންކިން ނިޒާމުގެ ތެރޭގައި ހިފެހެއްޓޭނެ ގޮތަށް ކަން ޔަޤީންކޮށްފައި ވާ ކަމަށާއި، މީގެ ސަބަބުން ދިވެހިންނަށް ޑޮލަރު ލިބުމުގައި ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މަޝްރޫޢުގެ ފުރަތަމަ އަހަރު ލީސް ރައިޓްސް ވިއްކައިގެން 30 ބިލިއަން ޑޮލަރު ރާއްޖެއަށް ވަންނާނެ ކަމަށާއި، އޭގެ ފަހުން އެ ތަންތަން ހިންގައިގެން އަހަރަކު ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ވިސްނައިގަނެވޭ ވަރަށްވުރެ ވެސް ބޮޑެތި ބަދަލުތަކެއް އިޤްތިޞާދަށް ގެންނާނެ މަޝްރޫޢެއް މިއީ،" މިނިސްޓަރު ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރު ޢަބްދުﷲ މުއްތަލިބު ވެސް ވިދާޅުވެފައި ވަނީ، މި މަޝްރޫޢުގައި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާ ދައްކާނީ ރާއްޖޭގައި ލައިސަންސް ދީފައިވާ ބޭންކުތަކުގައި ހުޅުވާ އެކައުންޓްތައް މެދުވެރިކޮށް ކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދަން އެއްބަސްވެފައި ވަނީ އެއްވެސް ޓެކްސް ހޮލިޑޭއެއް ނުވަތަ އިސްތިސްނާއެއް ނުހިމެނޭ ގޮތަށް، ރާއްޖޭގެ ޢާންމު ޤާނޫނުތަކުގެ ދަށުން ޓެކްސް ނަގާ ގޮތަށެވެ. ހަމަ އެއާއެކު، ވިޔަފާރީގެ އުޞޫލުން ތަރައްޤީކުރާ ތަންތަން ވިއްކައިގެން ލިބޭ ޢާމްދަނީގެ 10 އިންސައްތަ ސީދާ ސަރުކާރަށް ލިބޭނެއެވެ. އަދި ފުރަތަމަ އަދި ދެވަނަ މަރުހަލާގެ ކޮންމެ ރިއަލް އެސްޓޭޓް މުޢާމަލާތަކުން ވެސް 4 އިންސައްތައިގެ ރަޖިސްޓްރޭޝަން ފީއެއް ސަރުކާރަށް ލިބޭނެއެވެ.
މި މަޝްރޫޢު ހިންގާ އީގަލް ހިލްސްއަކީ ދުނިޔޭގެ 18 އަށްވުރެ ގިނަ ޤައުމުގައި އިންވެސްޓްކޮށްފައިވާ، 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް ކާމިޔާބު ރިއަލް އެސްޓޭޓް ކުންފުންޏެކެވެ. އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލާއްބާރަކީ ދުނިޔޭގެ އެންމެ އުސް ޢިމާރާތް ބުރުޖު ޚަލީފާއާއި ޑައުންޓައުން ދުބާއީ ފަދަ ބިޔަ މަޝްރޫޢުތައް ހިންގި އިމާރު ޕްރޮޕަޓީސްގެ ވެސް ބާނީއެވެ.
ކޮމެންޓު ފޮނުވާ