ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދަޢުވާގެ، މާދަމާގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މި އަޑުއެހުން ކެންސަލްކޮށްފައި ވަނީ ދައުލަތުގެ އެދުމުގެ މަތިންނެވެ. ދައުލަތުން އެގޮތަށް އެދިފައި ވަނީ މި މައްސަލައިގައި ވަކާލާތު ކުރައްވާ ވަކީލުން ބަލިވެ އުޅުއްވާތީ ކަމަށްވެސް ކޯޓުން ހާމަކުރެއެވެ.
ފުއްގިރި ކުއްޔަށް ދޫކުރި މުޢާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޔާމީން ޤަބޫލުކުރައްވައި، އެ ފައިސާ ލޯންޑަރކުރެއްވި ކަމަށް ބުނެ ކުރާ މި ދަޢުވާގައި، ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، މިހާރު ކުރިއަށްދަނީ ހެއްކާ ގުޅޭ ވާހަކަދެއްކުމުގެ މަރުހަލާއެވެ. ނަމަވެސް މި މަރުހަލާގައި މައްސަލަ ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
މީގެ އިތުރުން ޔާމީންގެ މައްޗަށް އުފުލާފައިވާ ވ. އާރަށު މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާއަށް ތާވަލުކޮށްފައި ވެއެވެ. އެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކުރިން އިއްވި 11 އަހަރުގެ ޖަލު ޙުކުމް ހައި ކޯޓުން ބާޠިލްކޮށް، މައްސަލަ އަލުން ބެލުމަށް ވަނީ އަންގައިފައެވެ. އަދި އެ މައްސަލައިގައި ދައުލަތުން އަލަށް ހުށަހެޅި ހެކިތައް ބަލައި ނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައި ވާތީ، އެ ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން ޝަރީޢަތް ކުރިއަށް ގެންދިއުން މިވަގުތު ވަނީ މަޑުޖައްސާލައިފައެވެ.
ކޮމެންޓު ފޮނުވާ