ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވާން އެޗްޕީއޭއިން އަނެއްކާވެސް އިލްތިމާސްކޮށްފި

ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވާން އެޗްޕީއޭއިން އަނެއްކާވެސް އިލްތިމާސްކޮށްފި

Author
އަހުމަދު
22 ސެޕްޓެމްބަރ 2026 04:10
0

ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލި ފެތުރެމުންދާތީ، ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ. މިއީ މި މަހުގެ ތެރޭގައި މި ބައްޔާ ގުޅިގެން އެޗްޕީއޭއިން އާންމުންގެ ސަމާލުކަމަށް ގެނައި ދެވަނަ ފަހަރެވެ.

މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ލޮނުޕެކެޓާއި، ފެނާއި ސޫޕް ފަދަ ދިޔާތަކެތި ގިނަގިނައިން ބޭނުންކުރުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން، ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ފާޚާނާ ބޭނުންކުރުމަށްފަހު ސެނިޓައިޒް ކުރުމަކީ ބަލި ފެތުރުން ކުޑަކުރުމަށް މުހިންމު ކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

ބަލި އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުން، ބަލީގެ އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ދަރިވަރުން ސްކޫލަށް ނުފޮނުވުމަށާއި، މުވައްޒަފުން ވަޒީފާއަށް ނުނިކުމެ ގޭގައި އަރާމުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި މާ ބޮޑަށް ވަރުދެރަވުމާއި، އާދަޔާ ޚިލާފަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުމުގެ އިތުރުން ގިނަގިނައިން ހޮޑުލެވޭނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެ އެޖެންސީން ވަނީ ބާރު އަޅާފައެވެ.

ޢާންމު ގޮތެއްގައި ސްކޫލު ބަންދު ދުވަސްވަރާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި މިފަދަ ބަލިތައް ފެތުރޭ މިންވަރު އިތުރުވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށް އެޗްޕީއޭއިން ކުރިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.