ޑޮލަރުގެ މުއާމަލާތްތައް އަންނަ ހަފުތާ ނިމޭއިރު އާންމު ހާލަތަށް އަންނާނެ: ބީއެމްއެލް

ޑޮލަރުގެ މުއާމަލާތްތައް އަންނަ ހަފުތާ ނިމޭއިރު އާންމު ހާލަތަށް އަންނާނެ: ބީއެމްއެލް

Author
އަހުމަދު
19 ސެޕްޓެމްބަރ 2026 10:06
0

ޑޮލަރު ޓްރާންސްފަރތަކުގައި މިހާރު ދިމާވެފައިވާ ލަސްވުންތައް ހައްލުކުރެވި، އަންނަ ހަފުތާގެ ނިޔަލަށް މުއާމަލާތްތައް އާންމު ހާލަތަށް ރުޖޫޢަވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބޭންކުން ބުނާ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 653 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 33 އިންސައްތައިގެ ކުރިއެރުމެކެވެ. މި ނިސްބަތުގައި ކުރިއަށްދާނަމަ، މި އަހަރު ނިމޭއިރު ބޭންކުން ވިއްކާ ޑޮލަރުގެ އަދަދު 1 ބިލިއަނަށް އަރާނެ ކަމަށް ބީއެމްއެލުން ލަފާކުރެއެވެ.

އެންމެ ގިނައިން ޑޮލަރު ހޭދަވަނީ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ މުއާމަލާތްތަކަށް ކަމަށްވާއިރު، މަހަކު އެވްރެޖްކޮށް 38 މިލިއަން ޑޮލަރު މި ދާއިރާއަށް ހޭދަވެއެވެ. މީގެ އިތުރުން ޓެލެގްރަފިކް ޓްރާންސްފަރތަކަށް 27 މިލިއަން، ދަތުރުފަތުރަށް 9.4 މިލިއަން، އަދި ޞިއްޙީ އަދި ތަޢުލީމީ ބޭނުންތަކަށް 7.3 މިލިއަން ޑޮލަރު މަހަކު ހޭދަވެއެވެ.

ބީއެމްއެލުން ފާހަގަކުރި ގޮތުގައި ބޭންކަށް ލިބޭ ޑޮލަރާ އަޅާބަލާއިރު ބޭރުވާ މިންވަރު އިތުރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫނެވެ. ޚާއްޞަކޮށް ސެޕްޓެންބަރު މަހަކީ ޑޮލަރުގެ ތާށިކަން ބޮޑުވާ މަހަކަށްވުމުން، ފާއިތުވި ދެ ހަފުތާގައި ޓީޓީ އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފަރތައް ފުރިހަމަކުރުމުގައި ލަސްތަކެއް ދިމާވެފައިވާ ކަމަށް ބޭންކުން ބުންޏެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި، ދާދިފަހުން ބޭންކުން ވަނީ އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަން ދޭން ފަށާފައެވެ. މިކަމުގެ ސަބަބުން ބޭރުވާ ޑޮލަރުގެ މިންވަރު، ބޭންކަށް ލިބޭ މިންވަރާ އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަސްޓަމަރުންނަށް ބޭނުންވާ މައުލޫމާތު ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.