ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ޚަލާސްކުރުމަށް ބޭނުންވި ފައިސާ ފޯރުކޮށްދިނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަމަށް ކުރެވެމުންދާ ތުހުމަތުތައް އެ ބޭންކުން ދޮގުކޮށްފި އެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ބީއެމްއެލް އަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަކީ، ސަރުކާރުގެ ދަރަނި ދެއްކުމަށް އެ ބޭންކުން ފައިސާ ދޫކުރުމުގެ ނަތީޖާ ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އެ ފައިސާ ދެއްކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ޖަމާވެފައިވާ ފައިސާއިން ކަމަށެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ ދަރަނި ދެއްކުމާއި ބޭންކުގެ މާލީ ހާލަތާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، މި މުއާމަލާތަށް ބޭންކުގެ އަމިއްލަ ވަސީލަތްތަކުން ނުވަތަ ކަސްޓަމަރުންގެ ޑިޕޮސިޓްތަކުން އެއްވެސް ފައިސާއެއް ބޭނުންކޮށްފައި ނުވާ ކަމަށެވެ.
އެ ބޭންކުން އިތުރަށް ބުނީ، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް ދެމިއޮތް ކަމަށާއި، ކަނޑައެޅިފައިވާ ރިސްކް އެޕެޓައިޓާއި ރެގިއުލޭޓަރީ މިންގަނޑުތަކުގެ ތެރެއިން ބޭންކުގެ ހިންގުން ކުރިއަށްދާ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ޔަގީންކަން ދީފައިވެ އެވެ.
ބީއެމްއެލް އިން ވަނީ މިފަދަ ދޮގު ޚަބަރުތައް ފަތުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ ހައްގު ބޭންކަށް ލިބިގެންވާ ކަމަށް ބުނެފަ އެވެ.
ނަމަވެސް، ބޭންކުގެ މާލީ ހާލަތާ މެދު ދެވުނު ޔަގީންކަމާ އެކުވެސް، ޑޮލަރުގެ ދަތިކަމުގެ ސަބަބުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމުގައި އާންމުންނާއި ވިޔަފާރިވެރިންނަށް ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރެވެ އެވެ.
ކޮމެންޓު ފޮނުވާ