އެސްއެމްއީ ޑިޖިޓަލް ލޯނުގެ ދެވަނަ ބުރު ނޮވެމްބަރު 1 ގައި ހުޅުވާލަނީ

އެސްއެމްއީ ޑިޖިޓަލް ލޯނުގެ ދެވަނަ ބުރު ނޮވެމްބަރު 1 ގައި ހުޅުވާލަނީ

Author
އަހުމަދު
19 ސެޕްޓެމްބަރ 2026 04:53
0

އެސްއެމްއީ ޑިޖިޓަލް ލޯނު ސްކީމުގެ ދެވަނަ ބުރަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ޕީއެންސީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ހުޅުވާލި 1 ބިލިޔަން ރުފިޔާގެ ލޯނު ސްކީމް އެއްކޮށް ނިމޭއިރު، ގާތްގަނޑަކަށް 6،000 ޒުވާނުންނަށް ކުދި ވިޔަފާރި ފެށުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.

މި ސްކީމުގެ ފުރަތަމަ ބުރުގައި 300 މިލިޔަން ރުފިޔާއަށް 3،536 ޒުވާނުން ކުރިމަތިލައި، އޭގެ ތެރެއިން 2،081 ޒުވާނަކަށް ޖުމްލަ 289 މިލިޔަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ލޯނު ސްކީމުގެ ދަށުން، ޝަރުޠު ހަމަވާ ކޮންމެ ފަރާތަކަށް 150،000 ރުފިޔާއާ ހަމައަށް، ވަރަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ފައިނޭންސިންގ ލިބިގެންދާނެއެވެ. މިއީ އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ ފުރުޞަތެކެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ޒުވާނުން ބާރުވެރިކުރުވުން ކަމަށާއި، ހުރިހާ އެންމެން ސަރުކާރުގައި އުޅޭކަށް ނުޖެހޭ ކަމަށެވެ. އަދި ސަރުކާރު ހިއްޞާވާ ކުންފުނިތައް ރައިޓް ސައިޒް ކުރަމުންދާ މި ދަނޑިވަޅުގައި، އަމިއްލަ މަސައްކަތް ފެށުމުގެ މަގުތައް ޒުވާނުންނަށް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.