އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ނުރަނގަޅު ފަރާތްތަކުގެ އަތްމައްޗަށް ދިޔުމުން ދުނިޔެއަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، ޓެކް ދާއިރާގެ އިސް ފަރާތްތަކަށް ދެއްވައިފިއެވެ.
ސްކޮޓްލެންޑުގެ ޑަމްފްރީޒް ހައުސްގައި ރަސްގެފާނު އިސްނަންގަވައިގެން ބޭއްވެވި ޚާއްޞަ ސަމިޓެއްގައި ވާހަކަފުޅު ދައްކަވަމުން، މި ޓެކްނޮލޮޖީ އުފެއްދެވި ފަރާތްތަކުން ވެސް މިހާރު ފުރާނަ ނެތިކޮށްލެވޭ ފެންވަރުގެ "އަނދިރި ބާރުތަކެއް" އޭއައިގައި އުފެދެމުންދާ ކަމުގެ އިންޒާރު ދެމުންދާ ކަމަށާއި، ވީ އެންމެ އަވަހަކަށް މިކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރަސްގެފާނު ވިދާޅުވިއެވެ. މި ސަމިޓުގައި އިނގިރޭސިވިލާތުގެ އޭއައި ވަޒީރު ކަނިޝްކާ ނާރާޔަން، ޕޯޕުގެ އެޑްވައިޒަރު، އަދި އެންވީޑިއާ، އޯޕަންއޭއައި އަދި އެންތްރޮޕިކް ފަދަ ބޮޑެތި ޓެކް ކުންފުނިތަކުގެ މަންދޫބުން ބައިވެރިވިއެވެ.
އެންވީޑިއާގެ ޗީފް އެގްޒެކެޓިވް ޖެންސެން ހުއާންގް ވިދާޅުވީ ރައްކާތެރިކަން އޮންނަން ޖެހޭނީ "އެންމެ އިސް ކަމެއް"ގެ ގޮތުގައި ކަމަށާއި، ރައްކާތެރި ނޫން އެއްވެސް ޕްރޮޑަކްޓެއް ނެރުމުގެ ބަދަލުގައި އިތުރަށް އިންޖިނިއަރ ކުރަން ޖެހޭނެ ކަމަށެވެ. މިވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ ގޮތުގައި އޮތް އެންވީޑިއާގެ މާކެޓް ވެލިއު ގާތްގަނޑަކަށް 5.15 ޓްރިލިއަން ޑޮލަރަށް އަރައެވެ.
މިދިޔަ ޖުލައި މަހު އޯޕަންއޭއައިގެ ސިސްޓަމެއް ޓެސްޓުގެ ލިމިޓުތައް ފޫއަޅުވާލައި ހަގިން ފޭސް ޕްލެޓްފޯމް ހެކްކުރި ޙާދިސާއަށްފަހު، މިދިޔަ އޮގަސްޓު މަހުން ފެށިގެން އޭއައިގެ ބާރު ކޮންޓްރޯލްކުރާނެ ގޮތާމެދު ޓެކް ދާއިރާގައި ބޮޑު ބަހުސެއް ވަނީ ފެށިފައެވެ. މި ބަހުސުގައި އެންތްރޮޕިކްގެ ސައެންޓިސްޓް އެވެން ހޫބިންގާ ވިދާޅުވެފައި ވަނީ، އޭއައިގެ ސަބަބުން އިންސާނުން ނެތިދިއުމުގެ ފުރުޞަތު 10 އިންސައްތައަށްވުރެ ބޮޑު ކަމަށެވެ. ޓެކް ކުންފުނިތަކަށް އަމިއްލައަށް ރެގިއުލޭޓް ނުކުރެވޭނެ ކަމަށާއި، ސަރުކާރުގެ ވަރުގަދަ ބެލެހެއްޓުމެއް ބޭނުންވާ ކަމަށް، އެމެރިކާގެ ސެނެޓަރު ބާނީ ސޭންޑަރސް ފަދަ ފަރާތްތަކުން ގޮވާލަމުންދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭއައިގެ ރައްކާތެރިކަމާމެދު އޮތް ކަންބޮޑުވުންތައް "ހޯކްސް" އެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ