ބިޒްނަސް ސްޓްރީމަށް ދަރިވަރުންގެ ބުރަވުން އިންތިހާއަށް؛ ހަސަން ހަމީދުގެ ކަންބޮޑުވުން

ބިޒްނަސް ސްޓްރީމަށް ދަރިވަރުންގެ ބުރަވުން އިންތިހާއަށް؛ ހަސަން ހަމީދުގެ ކަންބޮޑުވުން

Author
އަހުމަދު
16 ސެޕްޓެމްބަރ 2026 10:54
0

ރާއްޖޭގެ ދަށު ސާނަވީ އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން 49 ޕަސެންޓު ދަރިވަރުން ބިޒްނަސް ސްޓްރީމް އިހުތިޔާރުކުރަމުންދާތީ، ކްރިޓިކަލް ތިންކިންގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ފަންނީ ތަޖުރިބާކާރު ޑރ. ހަސަން ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަސަން ހަމީދު ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ބިޒްނަސް ސްޓްރީމް ކިޔަވާ ދަރިވަރުންގެ ނިސްބަތް 20 ޕަސެންޓަށްވުރެ މައްޗަށް ދިއުމަކީ ބިރުވެރި ކަމެއް ކަމަށާއި، އިނގިރޭސިވިލާތާއި ސިންގަޕޫރުގައި ވެސް މި ނިސްބަތް ފަސްބައިކުޅަ އެއްބަޔަށްވުރެ ދަށް ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އޭނާ ހޯއްދެވި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ މެއި/ޖޫން އިމްތިހާނުގައި ސައިންސް ސްޓްރީމް އިހުތިޔާރުކުރީ 50 ޕަސެންޓު ދަރިވަރުންނެވެ. ބިޒްނަސް ސްޓްރީމް 49 ޕަސެންޓު ދަރިވަރުން އިހުތިޔާރުކޮށްފައިވާއިރު، އާޓްސް ސްޓްރީމް ނެގީ އެންމެ އެއް ޕަސެންޓު ދަރިވަރުންނެވެ. އަދި ބިޒްނަސް ސްޓްރީމް ކިޔަވާ ދަރިވަރުންގެ ތެރެއިން ވެސް، އިގުތިސާދީ ސިޔާސަތު ބައްޓަންކުރުމަށް ބޭނުންވާ އިކޮނޮމިކްސް މާއްދާ އިހުތިޔާރުކުރާ ދަރިވަރުންނަށްވުރެ، ބިޒްނަސް ސްޓަޑީސް އަދި އެކައުންޓިން ކިޔަވާ ދަރިވަރުންގެ އަދަދު ގިނަކަން ވެސް ފާހަގަކުރެވެ އެވެ.

ރާއްޖޭގައި މިހާރު ވެސް އިންޖިނިއަރިން، ސިއްހީ އަދި ތައުލީމީ ދާއިރާތައް ހިންގުމަށް ބޮޑަށް ބަރޯސާވަނީ ބިދޭސީންނަށެވެ. ހަމައެއާއެކު، އިގުތިސާދު ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރާ ފަތުރުވެރިކަމާއި މަސްވެރިކަމުގައި ވެސް ދިވެހިންގެ ދައުރު އަންނަނީ ކުޑަވަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބިޒްނަސް އަދި އެކައުންޓިން ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ އެތައް ޒުވާނުންނަކަށް، އާދައިގެ އެޑްމިން ވަޒީފާތައް އަދާކުރުން ނޫން ގޮތެއް ނެތިފައިވާ ކަން ފާހަގަކުރެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.