ސާބިއާއާ ދެކޮޅަށް 1990ގެ އަހަރުތަކުގައި ކޮސޯވޯއިން ކުރި މިނިވަންކަމުގެ ހަނގުރާމައިގެ ދުވަސްވަރު ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކެއް ސާބިތުވެ، އެ ގައުމުގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށްލުމަށް ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ކޮސޯވޯ ސްޕެޝަލިސްޓް ޗޭމްބާސް (ކޭ.އެސް.ސީ) އިން ބުދަ ދުވަހު ހުކުމްކޮށްފި އެވެ.
އުމުރުން 58 އަހަރުގެ ތާޗީގެ މައްޗަށް މި ހުކުމް އިއްވީ ކޮސޯވޯ ލިބަރޭޝަން އާމީ (ކޭ.އެލް.އޭ) ގެ އިސް ކޮމާންޑަރެއްގެ ގޮތުގައި ހުރެ، ސިޔާސީ އިދިކޮޅު ފަރާތްތަކާއި ސާބިއާއަށް ވާގިވެރިވާ ކަމަށް ތުހުމަތުކުރެވުނު 96 މީހަކު މެރުމާއި، މީހުންނަށް އަނިޔާކުރުމާއި، އަދި ގާނޫނާ ހިލާފަށް މީހުން ބަންދުކުރުމުގެ ކުށް ސާބިތުވުމުންނެވެ. އިސް ފަނޑިޔާރު ޗާލްސް ސްމިތު ހުކުމް އިއްވެވިއިރު، ތާޗީ ކޯޓުގައި ހުރީ ހިމޭންކަމާއެކުގައި ކަމަށާއި، އޭނާގެ މައްޗަށް ކުރެވުނު ހުރިހާ ދައުވާތަކަށް ޝަރީއަތުގައި އޭނާ އިންކާރު ކުރެއްވި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.
ހަމަ އެ މައްސަލައިގައި ކޭ.އެލް.އޭ ގެ ކުރީގެ އިސް ތިން ކޮމާންޑަރެއްގެ މައްޗަށް ވެސް ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވާފަ އެވެ. އެގޮތުން ޔާގޫބް ކްރަސްނީގީ 25 އަހަރަށް، ގާދްރީ ވެސޭލީ 18 އަހަރަށް، އަދި ރެޖެޕް ސެލީމީ 13 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ. ހުކުމް އިއްވުނު ފަރާތްތަކަށް މި ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ގާނޫނީ ހަމަތަކުގެ މަތިން ލިބިގެންވާ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ. މި ހުކުމަކީ ބޯލްކަން ސަރަހައްދުގައި ހިނގާދިޔަ ހަނގުރާމައިގެ ޖަރީމާތަކަށް އިންސާފު ހޯދުމުގައި ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ސިފަކުރެ އެވެ.
ކޮމެންޓު ފޮނުވާ