ހަލާލް ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ބޭފުޅުންގެ ދެމެދުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި ރައީސް ވިދާޅުވީ، ޓޫރިޒަމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް "ފާލަމެއް" ކަމަށާއި، ހަލާލް އިންޑަސްޓްރީ އާއި ސަގާފީ ދާއިރާއިން އަދި މުސްލިމް-ފްރެންޑްލީ ޓްރެވެލް ކުރިއެރުވުމުގައި ވެސް ދެ ގައުމުން ގުޅިގެން މަސައްކަތްކުރަން އެއްބަސްވެފައިވާ ކަމަށެވެ.
އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށާއި، ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، އީކޯ ޓޫރިޒަމް ކުރިއެރުވުމަށް ވެސް ދެ ގައުމު ގުޅިގެން މަސައްކަތްކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާއިން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ގުޅިގެން މަސައްކަތްކުރުމަށާއި، ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓެއް އެކުލަވާލުމަށް ބޭނުންވާ މަޝްވަރާތައް ފެށުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ އެއްބަސްވުމެއް ގާއިމުވެއްޖެ ނަމަ، ދެ ގައުމުގެ ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވިގޮތުގައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ބައްލަވަން މެލޭޝިއާ ސަރުކާރަށާއި އެ ގައުމުގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވާފައިވާނެއެވެ. ހާއްސަކޮށް، އިއާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ، އަދި އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން އިންވެސްޓް ކުރުމުގެ ފުރުސަތުތައް ބައްލަވަން އެ މަނިކުފާނު ވަނީ ދައުވަތު ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ