ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާއަށް ދެމުންދާ މިސައިލާއި ޑްރޯން ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެން ބަންދުކުރި ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓު އަލުން ހުޅުވާލައި، ޖިއްދާ އާއި އެ ގައުމުގެ އެހެން ސިޓީތަކަށް ނެރެފައި އޮތް ނުރައްކަލުގެ އިންޒާރު ސައޫދީ ސިވިލް ޑިފެންސުން މިއަދު އުވާލައިފި އެވެ.
ސައޫދީ ސިވިލް ޑިފެންސުން ހޯމަ އަދި އަންގާރަ ދުވަހު ކުއްލި ނުރައްކަލުގެ އިންޒާރު ނެރުނީ ޖިއްދާ، ތާއިފް، އަބްހާ، ޖާޒާން، އަލްއުލާ އަދި ޔަންބުއު ހިމެނޭހެން ބޮޑެތި ހަ ސިޓީއަކަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގައި ތިބުމަށާއި ކުޑަދޮރުތަކާ ދުރުގައި ތިބުމަށް އާންމު ރައްޔިތުންގެ ކިބައިން އެދުނެވެ.
އެއާޕޯޓުގެ މަސައްކަތްތަކަށް ބުރޫއަރައި، ވައިގެ ސަރަހައްދު ބަންދުކުރަން ޖެހުނީ ސައޫދީގެ އެކި ސަރަހައްދުތަކަށް ހޫތީން ދިން ހަމަލާތަކާ ގުޅިގެންނެވެ. ޚަމީސް މުޝައިތުގައި ހުންނަ އަސްކަރީ ވައިގެ މަރުކަޒަކަށް ދިން ހަމަލާތަކުގައި އާންމުންގެ 13 މީހަކަށް އަނިޔާވި އެވެ.
ފްލައިޓް ޓްރެކިންގް ޑޭޓާތަކުން ދައްކާ ގޮތުގައި މިހާރު ވައިގެ ސަރަހައްދު ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް، ސަރަހައްދީ މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކޮށް ކަމަށާއި، ދަތުރުކުރާ ފަރާތްތަކުން ފްލައިޓުތަކުގެ އެންމެ ފަހުގެ ޝެޑިއުލްތައް ބެލުމަށް ސައޫދީގެ ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ