ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ރައީސް ޝަރަފްވެރިކޮށްދެއްވައިފި

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ރައީސް ޝަރަފްވެރިކޮށްދެއްވައިފި

Author
އަހުމަދު
14 ސެޕްޓެމްބަރ 2026 05:15
0

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ޝަރަފްވެރިކޮށްދެއްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ދައުލަތުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅުގައި، އިސްލާމީ ދަޢުވަތުގެ މަސްއޫލިއްޔަތާ ހަވާލުވުމަށް 700 އަށްވުރެ ގިނަ ތަޢުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން މި މަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫޙަށް ލިބުނު އާ ބާރެއްކަމުގައި ސިފަކުރެއްވިއެވެ. މިއީ ޤައުމުގެ އުންމީދުގެ ހުޅުކޮޅުތައް އާވެ، ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ މުރައްބީންތަކެއް އުފެދޭކަމުގެ ހެޔޮ ފާލެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިއަދު ފެންނަ ޒުވާން ޚަޠީބުންނަކީ މާދަމާ ރާއްޖޭގެ ޢިލްމުވެރީންނާއި، ވިސްނުންތެރީންނާއި، ޙިކްމަތްތެރީންނާއި، ކުޅަދާނަ ބަސްމޮށުންތެރީންނަށް ވެގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

މި މަހާސިންތާއަކީ ޒުވާން ޚަޠީބުންނަށް އިތުރު ތަމްރީނާއި ތަޖުރިބާގެ ފުރުޞަތު ފޯރުކޮށްދިނުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ މުހިއްމު ޙަރަކާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.