ޑޮލަރު މާރުކުރުމުގެ ޤާނޫނަށް އިތުރު އިސްލާޙެއް ގެންނާކަށް ނެތިން: ބަންޑާރަނައިބު

ޑޮލަރު މާރުކުރުމުގެ ޤާނޫނަށް އިތުރު އިސްލާޙެއް ގެންނާކަށް ނެތިން: ބަންޑާރަނައިބު

Author
އަހުމަދު
14 ސެޕްޓެމްބަރ 2026 05:16
0

ބޭރު ފައިސާއާބެހޭ ޤާނޫނަށް އިތުރު އިސްލާޙެއް މިވަގުތު ގެނައުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، ޓޫރިޒަމް އެސްޓަބްލިޝްމަންޓްތަކުން މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު %40 އަށް އިތުރުކުރީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ކުރި ދިރާސާތަކަށްފަހު، އެއީ ގެންނަންޖެހޭ ބަދަލެއް ކަމަށް ފެންނާތީ ކަމަށެވެ. އެހެންކަމުން، މިވަގުތު އިތުރު އިސްލާޙެއް ހުށަހެޅުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމުގެ ގޮތުން، ޑޮލަރު މާރުކުރުމުގައި ލުއިތަކެއް ދިނުމުގެ ވިސްނުމެއް ސަރުކާރުގައި ހުރިތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ބަންޑާރަނައިބު ދެއްކެވި ވާހަކަފުޅުގައި، ޤާނޫނު އެކުލަވާލާފައި ވަނީ ރަނގަޅު ދިރާސާތަކެއްގެ މައްޗަށް ބިނާކޮށްކަން ފާހަގަކުރެއްވިއެވެ.

ޤާނޫނަށް ގެނައި އިސްލާޙާއެކު، ކެޓަގަރީ-އޭގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓްތަކުން މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ %40 ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެއެވެ. މި ބަދަލާ އެއްގޮތަށް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން ޢަމަލުކުރަން ފަށަންޖެހެނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މީގެ އިތުރުން، އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި، އެފަދަ ރޭޓުތައް އިޝްތިހާރު ކުރުމަކީވެސް ކުށެއް ކަމަށް އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.