ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް ތައާރަފުކުރި ބަންކަރިންގެ ހިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ބަންކަރިން މެދުވެރިކޮށް ލިބިފައިވާ މި އާމްދަނީއަކީ ކުރިން ރާއްޖެއަށް ލިބެމުންދިޔަ އާމްދަނީއެއް ނޫން ކަމަށާއި، ކުރިއަށް އޮތްތަނުގައި މި އަދަދު އިތުރުވެގެންދާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
އިހަވަންދިއްޕޮޅުގައި ފެށި މި މަޝްރޫއަކީ ރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ ބޮޑު މަޝްރޫއެއް ކަމަށް ބެލެވިފައިވާއިރު، މި ހިދުމަތް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން ދަނީ ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
އޮފްޝޯ ބަންކަރިންގެ ހިދުމަތް ދެމުންދަނީ 3،258 ޓަނުގެ އެމްޓީ "މެރިން އޭންޖަލް" އާއި 3،929 ޓަނުގެ އެމްޓީ "މެރިން ބެލާ" އިންނެވެ. މީގެ ތެރެއިން ޔޮޓްތަކާއި ލަގްޒަރީ ބޯޓުތަކަށް ފޯރުކޮށްދެނީ ޑީސަލް ކަމުގައިވާއިރު، ކާގޯ އަދި ކޮންޓެއިނަރު ބޯޓުތަކަށް ވިއްކަނީ ލޯ ސަލްފާ ފިއުލްއެވެ. އެންމެ ބޮޑު ޑިމާންޑެއް އޮތީ ވެސް ސަލްފާ ފިއުލްއަށެވެ.
މި ހިދުމަތް ފެށުމަށް އެސްޓީއޯއިން 15 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވާއިރު، ބަންކަރިންގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހޯރަފުށީގައި ބިން ހިއްކައި، ތެޔޮ ޓާމިނަލަކާއި ކޮންޓެއިނަރު ޓާމިނަލެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ