ބީއެމްއެލުން ރުފިޔާ ކާޑުގެ ލިމިޓަށް ބަދަލުތަކެއް، މަހަކު 16 މިލިޔަން ޑޮލަރު

ބީއެމްއެލުން ރުފިޔާ ކާޑުގެ ލިމިޓަށް ބަދަލުތަކެއް، މަހަކު 16 މިލިޔަން ޑޮލަރު

Author
އަހުމަދު
12 ސެޕްޓެމްބަރ 2026 08:08
0

ރާއްޖެއިން ބޭރުގެ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާ ކާޑުން ކުރާ މުޢާމަލާތްތަކަށް ދެފުށްފެންނަ ބަދަލެއް ގެނައުމަށް ނިންމައި، ކާޑު ލިމިޓް ރީސެޓްވާ ގަޑި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޢާންމުކޮށްފިއެވެ.

އާދީއްތަ ދުވަހުން ފެށިގެން އަމަލުކުރާ އައު އުޞޫލުގެ ދަށުން، ކޮންމެ ދުވަހަކު ހެނދުނު 7:00 ޖަހާއިރު ކާޑު ލިމިޓު ރީސެޓް ވާނެ ކަމަށާއި، އީ-ކޮމާސް ވެބްސައިޓުތައް މެދުވެރިކޮށް ކުރާ މުޢާމަލާތްތަކަށް މަހަކު ޖުމްލަ 16 މިލިޔަން ޑޮލަރު ބޭނުންކުރެވޭނެ ގޮތް ހަދާފައިވާ ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ. ބޭރު ފައިސާއަށް އޮތް ޑިމާންޑުގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެ ތަނަވަސްކަމަށް ގޮންޖެހުންތަކެއް ކުރިމަތިވެ، ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ފަދަ ޒަރޫރީ ޚިދުމަތްތައް ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވުމުން، މި ބަދަލު ގެނައުމަށް ނިންމީ ކަމަށް ބޭންކުން ބުނެއެވެ.

ޖުމްލަ 16 މިލިޔަން ޑޮލަރު ފަސް ގިންތިއަކަށް ބަހާލައި، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް އިސްކަން ދެވޭ ގޮތަށް ބޭންކުން ވަނީ ލިމިޓު ކަނޑައަޅައިފައެވެ. އެންމެ ގިނައިން ވިޔަފާރި ކުރާ ބޭރުގެ 150 ޕްލެޓްފޯމް (ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ) ހިމެނޭ ގިންތިއަށް މަހަކު 3 މިލިޔަން ޑޮލަރު ނުވަތަ ދުވާލަކު 100،000 ޑޮލަރު، މީސްމީޑިއާގެ ޕްލެޓްފޯމްތަކަށް (މެޓަ އަދި ޓިކްޓޮކް) މަހަކު 1.5 މިލިޔަން ޑޮލަރު ނުވަތަ ދުވާލަކު 50،000 ޑޮލަރު، ދަތުރުފަތުރާއި ހޮޓެލް ބުކިންއަށް މަހަކު 6 މިލިޔަން ޑޮލަރު ނުވަތަ ދުވާލަކު 200،000 ޑޮލަރު، ޒަރޫރީ ސަބްސްކްރިޕްޝަންތަކަށް މަހަކު 3 މިލިޔަން ޑޮލަރު ނުވަތަ ދުވާލަކު 100،000 ޑޮލަރު، އަދި ދެންހުރި އެހެން ވިޔަފާރިތަކަށް މަހަކު 1.8 މިލިޔަން ޑޮލަރު ނުވަތަ ދުވާލަކު 60،000 ޑޮލަރު ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން ދަތުރުފަތުރުގެ ގިންތީގައި، ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ ތެރޭގައި ގިނަވެގެން ތިން މުޢާމަލާތް ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ސިއްޙީ އަދި ތަޢުލީމީ ކަންކަމާ ގުޅޭ މުޢާމަލާތްތަކަށް އެއްވެސް މާރޗަންޓް ލެވެލްއެއް ނުވަތަ ގިންތީގެ ލިމިޓެއް ކަނޑައަޅާފައި ނުވާ ކަމަށާއި، މި ޚިދުމަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށް ޚާއްޞަ ބަފަރއެއް ބޭންކުން ދަމަހައްޓާނެ ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ. ދުވަހަކަށް ކަނޑައަޅާފައިވާ ލިމިޓް ހަމަވި ނަމަވެސް، އަނެއް ދުވަހު މުޢާމަލާތް ފުރިހަމަކުރުމުގެ ފުރުޞަތު ނުވަތަ ޑޮލަރު ކާޑެއް ބޭނުންކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް ވެސް ބޭންކުން ބުނެއެވެ.

ބީއެމްއެލްގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ދުނިޔޭގެ 40،000 އަށްވުރެ ގިނަ އީ-ކޮމާސް ޕްލެޓްފޯމުން ކަސްޓަމަރުން މުދަލާއި ޚިދުމަތް ހޯދާއިރު، މި މުޢާމަލާތްތަކުގެ ޢަދަދު ދުވާލަކު އެވްރެޖުކޮށް 20،000 އަށްވުރެ މައްޗަށް އަރައެވެ. ބޭންކަށް ލިބޭ ޑޮލަރު އާމްދަނީއަށްވުރެ ބޭރުވާ ޑޮލަރުގެ މިންވަރު އިތުރުވެފައިވުމުން، ކަނޑައަޅާފައިވާ މި ޢަދަދުތައް މުސްތަޤުބަލުގައި މުރާޖަޢާ ކުރެވޭނެ ކަމަށް ބީއެމްއެލުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.