ތެލުގެ އަގު 100 ޑޮލަރަށް، އޭޝިއާއަށް ތެޔޮ ފޯރުކޮށްދިނުމުގައި ދަތިތަކެއް

ތެލުގެ އަގު 100 ޑޮލަރަށް، އޭޝިއާއަށް ތެޔޮ ފޯރުކޮށްދިނުމުގައި ދަތިތަކެއް

Author
އަހުމަދު
12 ސެޕްޓެމްބަރ 2026 07:51
0

ރަތް ކަނޑުގެ ސަރަޙައްދުގައި ނުތަނަވަސްކަން ބޮޑުވެ، ބާބުލް މަންދަބް ކަނޑުއޮޅި ދޫކޮށް އެހެން މަގުތައް ޚިޔާރުކުރަން ތެޔޮ ޓޭންކަރުތަކަށް މަޖުބޫރުވެއްޖެ ނަމަ، އޭޝިއާއަށް ތެޔޮ ފޯރުކޮށްދިނުމުގައި ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ލަސްވުމެއް ކުރިމަތިވާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން އިންޒާރު ކޮށްފިއެވެ.

މި ނުރައްކާ ކުރިމަތިވެފައި ވަނީ، އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ޙޫޘީ ޖަމާޢަތުން މަޚާ ބަނދަރާއި، އިސްތިރާޖީ ގޮތުން މުހިންމު މައްޔޫން ޖަޒީރާ ހިފާފައިވާ ކަމަށް ޔަމަނު ސަރުކާރުގެ މަޞްދަރުތަކުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ކަނޑުއޮޅިން ދެކުނަށް ދަތުރުނުކުރެވިއްޖެ ނަމަ، ތެޔޮ ޓޭންކަރުތަކަށް ޖެހޭނީ ސުވަޔިސް ކޯރު ހުރަސްކޮށް އެފްރިކާ ބައްރު ވަށައިލުމަށްފަހު އިންޑިޔާ ކަނޑުގެ މަގުން ދަތުރުކުރާށެވެ. މީގެ ސަބަބުން ތެލާއި، ފްރައިޓާއި އިންޝުއަރެންސާއި ފަޅުވެރިންގެ ޚަރަދުތައް އުފުލޭނެ ކަމަށް މާހިރުން ބުނެއެވެ.

އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ހުރްމުޒް ކަނޑުއޮޅި ބަންދުވުމުން، ސަޢޫދީ ޢަރަބިއްޔާއިން ވަނީ ޔަންބުޢު ބަނދަރު މެދުވެރިކޮށް ތެޔޮ އެކްސްޕޯޓު ކުރަން ފަށައި، ދުވާލަކު 4.5 މިލިޔަން ފީފާގެ ތެޔޮ އެކްސްޕޯޓު ކޮށްފައެވެ. އޭގެ ތެރެއިން 3 މިލިޔަން ފީފާ އުފުލީ ބާބުލް މަންދަބް މަގުންނެވެ. ނަމަވެސް ޙޫޘީންގެ ނުރައްކަލާއެކު އޮގަސްޓު މަހާ ހަމައަށް އެ ޢަދަދު 400،000 ފީފާއަށް ވެއްޓިފައިވާ ކަމަށާއި، 2023 ގެ ފަހުކޮޅުން ފެށިގެން އެ މަގުން ދަތުރުތައް %60 އާއި %70 އާ ދެމެދަށް ދަށްވެފައިވާ ކަމަށް އެނާޖީ އެސްޕެކްޓްސްގެ ރިޗަރޑް ބްރޮންޒް ފާހަގަކުރެއްވިއެވެ.

ކަނޑު ދަތުރުފަތުރުގެ ސަލާމަތީ ޙާލަތު ގޯސްވުމާ ގުޅިގެން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 109 ޑޮލަރަށް ވުރެ މައްޗަށް އުފުލި، ސެޕްޓެންބަރު 11 ގައި 104 ޑޮލަރަށް ތިރިވި ނަމަވެސް، މިއީ ޖުލައި މަހަށް ފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، މެދުއިރުމަތީގެ ބަދަލުގައި އޭޝިއާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުން އެހެން ސަރަޙައްދުތަކުން ތެޔޮ ހޯދަން ކުރާ މަސައްކަތުން ބާޒާރުގައި އަގުތައް އިތުރަށް އުފުލޭނެ ކަމަށް ބުނެއެވެ. ހަނގުރާމަ ފެށުނު ފަހުން އެމެރިކާގައި ޑީސަލް ގެލަނެއްގެ އަގު %50 އަށްވުރެ ބޮޑަށް އުފުލި، ފުރަތަމަ ފަހަރަށް 6 ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، ޓްރަމްޕުގެ ހަނގުރާމައިގެ ބުރަ އެންމެ ބޮޑަށް އުފުލަން ޖެހިފައި ވަނީ ޚުދު އެމެރިކާގެ ރައްޔިތުންކަމަށް މާހިރުން ޤަބޫލުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.