ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ފެތުރެމުންދާ އެބޯލާ ވައިރަސް އެ ގައުމުގެ އިތުރު ޕްރޮވިންސަކަށް ފެތުރި، ބަލި ޖެހުނުކަން ކަށަވަރުވި މީހުންގެ އަދަދު 7،022 އަށް އަރައި، މަރުވި މީހުންގެ އަދަދު 3،398 އަށް އުފުލިއްޖެއެވެ.
ކޮންގޯ ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިހާތަނަށް ހަތް ޕްރޮވިންސަކުން މި ބަލި ފެނިފައިވެއެވެ. ބަންޑިބޫޖޯ ވައިރަހުގެ ޒަރީއާއިން ފެތުރޭ މި ބަލިމަޑުކަން ވެގެންގޮސްފައި ވަނީ ކޮންގޯގެ ތާރީހުގައި އެންމެ ގިނަ ބަޔަކު މަރުވި ފަހަރަށެވެ. އަދި ދުނިޔޭގެ ތާރީހުގައި އެބޯލާގެ ސަބަބުން ކުރިމަތިވި ދެވަނައަށް އެންމެ ބޮޑު ބަލިމަޑުކަން ކަމުގައި ސިއްހީ މާހިރުން ސިފަކުރެއެވެ. މީގެ ކުރިން 2014-2016ގައި ހުޅަނގު އެފްރިކާގައި ފެތުރުނު ބަލިމަޑުކަމުގައި 28،600 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި، 11،000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.
އެންމެ ފަހުން ބަލި ފެނިފައި ވަނީ ކޮންގޯގެ ހުޅަނގު އުތުރުގައި އޮންނަ ދެކުނު އުބަންގީ ޕްރޮވިންސުންނެވެ. ސެޕްޓެންބަރު 8 ވަނަ ދުވަހު މަރުވި 23 އަހަރުގެ ފިރިހެނަކު ބަންޑިބޫޖޯ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އޭނާ ޖުލައި މަހު ދެކުނު ކީވޫ ދޫކޮށް، ގައުމުން ބޭރަށް ގޮސް ފަހުން ދެކުނު އުބަންގީއަށް އައިސްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. މި ވޭދަނައާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ދަނީ ކުރިއަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފައި ވަނީ، ސިއްހީ އިދާރާތަކަށް ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ ހަލުވިކޮށް މި ވައިރަސް ފެތުރެމުންދާ ކަމުގައެވެ. ތަމްރީނު ލިބިފައިވާ ސިއްހީ ޚިދުމަތްތެރިންނާއި، އޮޕަރޭޝަނަލް ޕާޓްނަރުންނާއި، ފައިސާގެ ދަތިކަމުގެ ސަބަބުން ބައްޔާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ފުޅާކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ