ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެ، އިންޑަސްޓްރީގެ ކަންބޮޑުވުން

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެ، އިންޑަސްޓްރީގެ ކަންބޮޑުވުން

Author
އަހުމަދު
12 ސެޕްޓެމްބަރ 2026 09:41
0

ރާއްޖެއަށް ދުވާލެއްގެ މައްޗަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު ކުއްލިއަކަށް ދަށްވުމާ ގުޅިގެން ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މެދުއިރުމަތީގެ ހަނގުރާމައަށްފަހު ދަށްވި ޓޫރިސްޓުންގެ އަދަދު ފަހުން ދިޔައީ ކުރިއަރަމުންނެވެ. ދުވާލެއްގެ މައްޗަށް 5,000 ޓޫރިސްޓުންނާ ހަމައަށް އެ އަދަދު އުފުލުނު ނަމަވެސް، މިދިޔަ ހަފުތާއިން ފެށިގެން އެ އަދަދު ވަނީ 4,000 އަށް ދަށްވެފަ އެވެ.

އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މިހާރު ދުވާލަކު 4,680 ޓޫރިސްޓުން އަންނަ ނަމަވެސް، ރާއްޖެއަށް ދަތުރު ކުރާ އެއާލައިންތަކުގައި 6,800 ގޮނޑީގެ ކެޕޭސިޓީ އެބަހުއްޓެވެ. މިވަގުތު 40 އެއާލައިނަކުން ދަތުރު ކުރި ނަމަވެސް ސީޓް ކެޕޭސިޓީ ފުރިހަމައަށް ފުރިފައި ނުވާ ކަމަށާއި، މިއީ ސީރިއަސް މައްސަލައެއް ކަމަށް ފިރާގު ފާހަގަކުރެއްވި އެވެ. ހައްލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ރަނގަޅު ޑެސްޓިނޭޝަން މާކެޓިން ހަރަކާތްތަކާއި، އެއާލައިންތަކާ ގުޅިގެން ކުރެވޭ ކޯޑިނޭޓިވް މަސައްކަތްތަކެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރީ 41,648 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 42,880 ޓޫރިސްޓުންނާ އަޅާބަލާއިރު 2.9 ޕަސެންޓުގެ ދަށްވުމެކެވެ. މި އަހަރުގެ ޖުމްލަ އަދަދު 1.49 މިލިއަނުގައި ހުރި އިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 3.7 ޕަސެންޓުގެ ދަށްވުމެކެވެ.

ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި މި އަހަރުގެ ފަހު ކުއާޓަރުގައި ރަޝިއާ، ބަލްގޭރިއާ، ވިއެޓްނާމް، އިތިއޯޕިއާ އަދި ފްރާންސް ހިމެނޭ ގޮތަށް ހަތް އެއާލައިނެއް ދަތުރު ފަށާނެ އެވެ. މި އަހަރު 2.5 މިލިއަން ޓޫރިސްޓުންގެ ޓާގެޓަށް ނުފޯރި ނަމަވެސް، އެ އަދަދާ ގާތްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ލިބުނު 24 ޕަސެންޓުގެ ގެއްލުން 2 ޕަސެންޓަށް ކުޑަކުރެވިފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އިތުރު އެއާލައިންތައް ގެނައުމަކުން އެކަނި މި މައްސަލައަށް ހައްލެއް ނުލިބޭނެ އެވެ. އެ އެއާލައިންތަކުގެ ފުލް ކެޕޭސިޓީ ފުރިހަމައަށް ބޭނުން ނުކުރެވޭނަމަ، ރާއްޖެއަށް ދަތުރު ދެމެހެއްޓުމުގެ ސަބަބެއް އެ ފަރާތްތަކަށް ނޯންނާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.