ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ، މާލެ ކައިރީގައި ބަނދަރުކޮށްފައި އޮއްވައި ނަގިލި ކަނޑައިގެން ގޮސް ސިނަމާލެ ބްރިޖަށް އެރި ދެ ބޯޓުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީ ފޮނުއްވައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ކުޑޫ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ހުއްދައަކާ ނުލައި މި ދެ ބޯޓު ރާއްޖޭގެ ސަރަހައްދަށް ވަނީ މިއަހަރުގެ އޭޕްރީލް 26 ގައެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކަށް އެ އުޅަނދުތައް ފާހަގަކުރެވުނީ މެއި 3 ގައި ކަމަށާއި، ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ރޭ ނަގިލި ކަނޑައިގެން ގޮސް އޮޔާދިޔަ ބޯޓުތައް ސިނަމާލެ ބްރިޖަށް އަރާފައިވާ ކަން ސިޓީގައި ވިދާޅުވެފައިވެއެވެ.
ސިޓީގައި ކުޑޫ ވަނީ، މިފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވި ސަބަބުތަކާއި، މިކަމުގައި އިހުމާލުވި ފަރާތްތައް ސާފުކުރުމަށާއި، ފަސް މަސް ދުވަސް ވަންދެން ބޯޓުތަކުގައި ހާލުގައި ޖެހިފައި ތިބި ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެވިފައި ނުވާ ސަބަބު ހޯދުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ސިނަމާލެ ބްރިޖު އެކަށީގެންވާ ގޮތެއްގައި އިންޝުއާ ކުރެވިފައިވޭތޯއާއި، ހާދިސާގެ ބަދަލު ހޯދުމުގެ އިންތިޒާމުތައް ސާފުކުރުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. މެންބަރު ވިދާޅުވި ގޮތުގައި މިއީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމުގެ ބާގަނޑުތައް ހުރިކަން ހާމަވާ ކަމެކެވެ.
ސިނަމާލެ ބްރިޖުގައި ޖެހުނު ތެޔޮ އުފުލާ ދެ ބޯޓު ކަމަށްވާ "އޭއެލް 1″ އަދި ޓޯގޯގެ ރަޖިސްޓްރީގައި އޮންނަ "އެމްޓީ ކޭޖީ 1″ ވަނީ ދިޔަވުމުގެ ސަބަބުން، މާލެ އަތޮޅުގެ އިރުމަތިން ގާތްގަނޑަކަށް 30 ނޯޓިކަލް މޭލު ބޭރުން އިއްޔެ އަޑިއަށް ގޮސްފައެވެ. އެ ދެ ބޯޓުގައި ނުވަ ފަޅުވެރިން ތިއްބެވެ. ބޯޓުތައް ބްރިޖުގައި ޖެހި ބްރިޖުގެ މައިގަނޑު އޮނިގަނޑަށް ގެއްލުމެއް ނުލިބުނު ނަމަވެސް، ބްރިޖުގައި ކޫރުންތަކެއް ވަނީ އެޅިފައެވެ.
ކޮމެންޓު ފޮނުވާ