ކަނޑުމަތީގެ ސަލާމަތަށް ސަރުކާރު ވަނީ އިހުމާލުވެފައި: އެމްޑީޕީ

ކަނޑުމަތީގެ ސަލާމަތަށް ސަރުކާރު ވަނީ އިހުމާލުވެފައި: އެމްޑީޕީ

Author
އަހުމަދު
12 ސެޕްޓެމްބަރ 2026 04:49
0

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއްގެ ނަގިލި ކަހާލައިގެންގޮސް ސިނަމާލެ ބްރިޖަށް އުރުނު ހާދިސާއާ ގުޅިގެން، ކަނޑުމަތީގެ ސަލާމަތާ މެދު ސަރުކާރު ބޮޑުތަނުން އިހުމާލުވެފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ސަރުކާރު ކުށްވެރިކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރި، މިހާރު އަޑިއަށްގޮސްފައިވާ އެމްޓީ ކޭޖީ 1 އަދި އޭއެލް 1 ނަމަކަށް ކިޔާ ދެ ބޯޓަކީ ރިޕަބްލިކް އޮފް ހައިޓީގައި ރަޖިސްޓްރީކޮށްފައި، އެހެންނަމަވެސް ވެރިފަރާތް ކަށަވަރު ނުވާ ދެ ބޯޓެވެ.

އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނީ، ދެ ބޯޓުގައި އެއްވެސް ސަލާމަތީ ފިޔަވަޅެއް ފުރިހަމަނުވާކަން އެނގިހުރެ، ދޮޅު މަސް ދުވަހު އެ ދެ ބޯޓު މާލެ ކައިރީގައި ދޫކޮށްލާފައި އޮތުމަކީ ސީރިއަސް އިހުމާލެއް ކަމަށެވެ. އަދި، އެ ބޯޓުތައް ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރަން ދޮޅު މަސް ކުރިން ނިންމުމަށްފަހު ވެސް، އެ މަސައްކަތް ކޮށްފައި ނުވުމުގެ ސަބަބުން މި ނުރައްކާތެރި ހާދިސާ ހިނގައިފައިވާ ކަމަށް ފާހަގަކުރި އެވެ.

މީގެއިތުރުން، ބްރިޖަށް އެއްވެސް ގެއްލުމެއް ނުވާކަމަށް ސަރުކާރުން އެހާ އަވަހަށް ކަނޑައެޅި ގޮތާމެދު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުގެ ބޮޑުބައި ކަނޑަށްވެފައި އޮތުމުން، ބެލުމުގެ ދަށަށް ގެނެވޭ ބޭރުގެ އުޅަނދުތަކާ މެދު އަމަލުކުރާނެ ސާފު އުސޫލެއް ސަރުކާރުން އަވަހަށް އެކުލަވާލައި، އެއަށް އަމަލުކުރަން ފެށުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.

މާލެއާއި މާލެ ކައިރީގައި ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތްތެރިކަން ޔަގީންކޮށްދިނުމަށް މި ސަރުކާރު "ނާގާބިލު" ވެފައިވާ ކަމަށާއި، މިފަދަ ހާދިސާތައް ތަކުރާރުނުވުމަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.