މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ 60 ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
ދެކުނުގެ ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، މި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އައްޑޫ ސިޓީ ފޭދޫއަށެވެ. މިއަދު ހަވީރާ ހަމައަށް ފޭދޫގެ 58 ގެއަކަށް ފެންވަދެފައިވާ ކަމަށާއި، ފެންވަދެ މީހުން ދިރިނޫޅެވޭ ހާލަތަށް ދިޔަ ގެއެއްގައި ދިރިއުޅެމުންދިޔަ ޚާއްޞަ އެހީއަށް ބޭނުންވާ ދެ މީހުން ހިމެނޭހެން ޖުމްލަ އަށް މީހަކަށް ސަރުކާރުން ތިން ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ. މީގެ އިތުރުން، މަރަދޫގެ ދެ ގެއަކަށް ފެންވަދެ ގެއްލުންވެފައިވާ ކަމަށް ވެސް އެ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ.
ފޭދޫގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ޤައުމީ ދިފާޢީ ބާރުގެ ސަދަން އޭރިއާއާއި އައްޑޫ ސިޓީ ކައުންސިލާއި ކަމާ ގުޅޭ އެކި މުއައްސަސާތަކުން ދަނީ ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގައި ހަރަކާތްތެރިވަމުންނެވެ. މިއާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، މިހާތަނަށް 100 އަށްވުރެ ގިނަ ގެއަށް ފެނުގެ އަސަރުކޮށްގެން ރިޕޯޓު ކޮށްފައިވާ ކަމަށާއި، ބައެއް ގެތަކުން ކަރަންޓު ވެސް ކެނޑިފައިވާ ކަމަށެވެ. ނަމަވެސް ގއ، ގދ އަދި ފުވައްމުލަކުގެ އެއްވެސް ގެއަކަށް ފެންވަދެ ގެއްލުން ލިބުނުކަން ރިޕޯޓުކޮށްފައި ނުވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.
އަނެއްކޮޅުން، މިއަދު މެންދުރުފަހު 11:45 އިން 13:00 އަށް ފުވައްމުލަކާއި އައްޑޫ ސިޓީ ހިމެނޭ ސަރަޙައްދަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އޮރެންޖު އިންޒާރު ނެރެފައިވާއިރު، މިރޭ 22:00 އާ ހަމައަށް އެ ސަރަޙައްދަށް މިހާރު ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.
ކޮމެންޓު ފޮނުވާ