ރޭ ހިނގި ހާދިސާގައި ސިނަމާލެ ބްރިޖަށް ސްޓްރަކްޗަރަލް ގެއްލުމެއް ނުވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެއެވެ.
ރޭގެ ވަގުތެއްގައި ސިނަމާލެ ބްރިޖަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ތެޔޮ އުފުލާ ބާޖަކާއި ޓަގު ބޯޓެކެވެ. މި ހާދިސާއާ ގުޅިގެން، ބްރިޖު އެޅި ޗައިނާ ކުންފުނި، ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (އެސްއެޗްއީސީ) އިން ރޭ އާއި މިއަދު ބްރިޖުގެ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
"އަލްހަމްދުﷲ، ބުރިޖަށް ސްޓްރަކްޗުރަލް ގެއްލުމެއް ނުލިބޭ، ހަމައެކަނި ކޫރުންތަކެއް އެޅިފައި ހުރީ،" މިނިސްޓަރު ވިދާޅުވިއެވެ. ބްރިޖުގައި ހުރި ކޫރުންތައް ބަލައި، ޗައިނާގެ ހިލޭ އެހީގެ ދަށުން އެސްއެޗްއީސީއާއެކު ވެވިފައިވާ މޮނިޓަރިން، އިންސްޕެކްޝަން އަދި މެއިންޓެނަންސް އިންތިޒާމުގެ ދަށުން، އެކަށީގެންވާ މިންގަނޑުތަކަށް ފެތޭ ގޮތަށް އެ ކުންފުނިން މަރާމާތުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މިފަދަ ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން، ކޮންޓްރޯލުން ނެއްޓިގެންދާ އުޅަނދުތައް ބްރިޖު ނުވަތަ އެހެން ތަނެއްގައި ޖެހުމުގެ ކުރިން ހިފެހެއްޓޭނެ ފެންވަރުގެ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލް އިން މިހާރު ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ މަސް ތެރޭގައި އެ ޓަގު ބޯޓުތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ