އެއާޕޯޓުން އަންހެން ކުއްޖެއްގެ ސައިކަލު ވަގަށް ނެގި ދެ މީހަކު ޖަލަށް

އެއާޕޯޓުން އަންހެން ކުއްޖެއްގެ ސައިކަލު ވަގަށް ނެގި ދެ މީހަކު ޖަލަށް

Author
އަހުމަދު
11 ސެޕްޓެމްބަރ 2026 07:30
0

ހުޅުލޭ އެއާޕޯޓް ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ލ. ކަލައިދޫ އަންހެން ކުއްޖެއްގެ ސައިކަލެއް ވަގަށް ނެގި މައްސަލައިގައި ދެ ފިރިހެނަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހުކުމް އިއްވާފައި ވަނީ ގދ. ގައްދޫ/ އެވަގްރީން، އަޙްމަދު މުޢާވިޔަތު އާއި ގދ. ގައްދޫ/ ޝަމާހާ މަންޒިލް، މުޙައްމަދު ޢާޒިމް އިބްރާހީމްގެ މައްޗަށެވެ. މި ދެ މީހުން ސައިކަލު ވަގަށް ނަގާފައި ވަނީ 2026 ޖޫން 24 ވީ ބުދަ ދުވަހުގެ ހެނދުނު އެއާޕޯޓް ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުއްޓައި، އޭގެ އަނެއް ދުވަހުގެ ދަންވަރު 02:45 ހާއިރުއެވެ.

ދައުލަތުން ކުރި ވައްކަންކުރުމުގެ ދައުވާއަށް މި ދެ މީހުން ވެސް އިބްތިދާއީ އަޑުއެހުމުގައި އަމިއްލައަށް އިޢުތިރާފްވުމުން، މައްސަލަ ކުރިއަށް ގެންދިޔައީ އަވަސްނިޔާގެ އިޖުރާއަތުގެ ދަށުންނެވެ.

އިޢުތިރާފާ ގުޅިގެން މުޢާވިޔަތުގެ އަދަބުގެ ދަރަޖަ ދަށްކުރި ނަމަވެސް، ކުށުގެ ރެކޯޑު އޮތުމުން އަދަބުގެ ދަރަޖަ މަތިކޮށް، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ. ބަންދުގައި ހޭދަކުރި އަށް ދުވަސް އުނިކުރުމުން، އޭނާ ތަންފީޒުކުރާނީ އެއް އަހަރާއި ހަ މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. ޢާޒިމްގެ މައްޗަށް އިއްވީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރާނީ ނުވަ މަހާއި 10 ދުވަހުގެ ހުކުމެކެވެ.

މި މައްސަލަ ބައްލަވައި ހުކުމް އިއްވެވީ ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އިބްރާހީމް އިޙްސާނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.