އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ނުކުރާ ހުރިހާ ނޫސްތަކާއި މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލްކުރާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަން (އެމްއެމްބީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ގާނޫނު ނަންބަރު 16/2025 ގެ ދަށުން އެކުލަވާލި ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (2026/R-27) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން، ކުރީގެ ގާނޫނު ނަންބަރު 47/78 ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ހުރިހާ ނޫސް މަޖައްލާތަކެއް ހަ މަސް ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭ ކަމަށެވެ. އެއާއެކު އެ މުއްދަތު ހަމަވާ އެންމެ ފަހު ތާރީހަކީ 27 އޮކްޓޯބަރު 2026 ކަމަށް ވެސް އެ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރެކޯޑު އަދާހަމަ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓަރީ، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބާތިލްކުރެވޭނެ ކަމަށާއި، އެހެންކަމުން ދެވިފައިވާ މުއްދަތުގެ ތެރޭގައި މި މަސައްކަތް ފުރިހަމަކުރުމަށް ހުރިހާ ނޫސް މަޖައްލާތަކުގެ މަސްއޫލުވެރި ފަރާތްތަކުގެ ކިބައިން އެމްއެމްބީސީން ވަނީ އެދިފަ އެވެ.
ކޮމެންޓު ފޮނުވާ