ރާއްޖޭގެ ހާފިޡުންގެ ޢަދަދު 322 އަށް، މި ދައުރުގައި 500 އަށް އިތުރުކުރަނީ

ރާއްޖޭގެ ހާފިޡުންގެ ޢަދަދު 322 އަށް، މި ދައުރުގައި 500 އަށް އިތުރުކުރަނީ

Author
އަހުމަދު
08 ސެޕްޓެމްބަރ 2026 10:19
0

ރާއްޖޭގައި ތިބި ހާފިޡުންގެ ޢަދަދު 322 އަށް އަރާފައިވާ ކަމަށާއި، މި ދައުރު ނިމުމުގެ ކުރިން އެ ޢަދަދު 500 އަށް އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤުރްއާން ހިތުދަސްކުރާ ޒުވާނުންގެ ޢަދަދު އިތުރުވަމުން ދިއުމަކީ ރާއްޖޭގެ އިސްލާމީ މުސްތަޤްބަލު އުޖާލާވާނެ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ރޯދަ މަހު ވެސް ގިނަ ޢަދަދެއްގެ ހާފިޡުން ދަސްވެނިވާނެ ކަމަށް ލަފާކުރެއްވިއެވެ.

މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތުދަސްކުރަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދަނީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުންނާއި ޢިލްމު އިންސްޓިޓިއުޓުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، 30 ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް މިހާރު ހިންގަން ފަށާފައިވާއިރު، 20 ތަނެއް ރަޖިސްޓްރީކުރުމާއި 38 ތަނެއް ބިނާކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މި މަޝްރޫޢު ފޯރުކޮށްދިނުމެވެ.

ހާފިޡުންނަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތުން ދޭ ޢިނާޔަތް އިތުރުކުރައްވައި، ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ފުޅާކުރައްވާފައެވެ. މި މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުގެ އިތުރުން، ޒަކާތު ފަންޑުގެ ފީސަބީލިއްލާހި ބައިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ވެސް ލިބެމުންދާ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.