ޔާމީން ފުލުހަށް ހާޒިރުކުރަން ޗިޓް ރައްދުކުރަން މަސައްކަތް ފަށައިފި

ޔާމީން ފުލުހަށް ހާޒިރުކުރަން ޗިޓް ރައްދުކުރަން މަސައްކަތް ފަށައިފި

Author
އަހުމަދު
07 ސެޕްޓެމްބަރ 2026 11:35
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ފުލުހުންގެ ތަހުގީގަށް ހާޒިރުކުރުމަށްޓަކައި ޗިޓް ރައްދުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ ޓީމެއް މިއަދު ވަނީ ޔާމީން ދިރިއުޅުއްވާ ހ. ދޫވެއްސަށް ޗިޓާ އެކު ވަޑައިގެންފައެވެ. ނަމަވެސް، އެ ޗިޓު ރަސްމީކޮށް އެ މަނިކުފާނާ ހަވާލުކުރެވިފައިވާކަން މިހާތަނަށް ކަށަވަރު ވެފައެއް ނުވެއެވެ.

ފުލުހުން ޔާމީނަށް ޗިޓު ރައްދުކުރަން މަސައްކަތް ފަށާފައި މިވަނީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު 12 ގައި ސަރުކާރުގެ ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް އޮފީސްތައް ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޕީއެންއެފްގެ ޖަލްސާއެއްގައި އެ މަނިކުފާނު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ޔާމީން ވިދާޅުވީ އެ އިމާރާތުގައި ގަސްދުގައި ރޯކޮށްލީ ކަމަށާއި، އެ ކަން ކުރި ފަރާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ވަރަށް އަރިސް ބޭފުޅެއް ކަމަށާއި، އެ މައުލޫމާތު ފުލުހުންގެ އަތުގައި އެބައޮތް ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ރޭ ވިދާޅުވީ، ބޭރުގެ ތަހުގީގީ މާހިރުންނާ ގުޅިގެން ކުރި ތަހުގީގުން ސާބިތުވެފައިވަނީ އަލިފާން ރޯވީ ކަރަންޓު ޝޯޓަކުން ކަމަށާއި، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ ހެއްކެއް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް، ޔާމީނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކުރައްވައި، މައްސަލަ އިތުރަށް ބެލުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.

މީގެ އިތުރުން، ފުލުހުންގެ މައްޗަށް ޔާމީން ކުރެއްވި ތުހުމަތުތައް ބެލުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް މިނިސްޓަރު ވަނީ ހުށަހަޅުއްވައިފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، އެ އިމާރާތުގައި ގަސްދުގައި ރޯކޮށްލީ ކަމަށް ޔާމީން ވިދާޅުވަނީ "ކަނޑައެޅިގެން ދޮގަކަށް" ކަމަށާއި، އެ ކަން އެ މަނިކުފާނާ ގުޅުވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.