މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާމަންކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކެއް ކުރިން ފުރުއްވާފައިވާ މ. ލާލުބާޣު، އަހްމަދު ޝަހީރު އައްޔަންކުރައްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިއަދު ހާމަކުރި ގޮތުގައި، ޝަހީރު މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވަކިކުރައްވާފައެވެ. އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޝަހީރު ވަނީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަންވެސް ކުރައްވާފައެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ.
އެމްޓީޑީސީގެ ޗެއާމަންކަމުގައި މީގެ ކުރިން ހުންނެވި އަބްދުﷲ ފާއިޒު މިހާރު ވަނީ މިފްކޯގެ ޗެއާޕާސަންގެ މަގާމަށް ބަދަލުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ