ކޮންމެ ބޭފުޅަކު ނުކުތް ނަމަވެސް، ތާއީދު ކުރައްވާނީ ފައްޔާޒަށް: ނަޝީދު

ކޮންމެ ބޭފުޅަކު ނުކުތް ނަމަވެސް، ތާއީދު ކުރައްވާނީ ފައްޔާޒަށް: ނަޝީދު

Author
އަހުމަދު
07 ސެޕްޓެމްބަރ 2026 11:42
0

އެ މަނިކުފާނަށް ތާއިދު ކުރައްވާ މީހުން މަދު ނޫން ނަމަވެސް، ހުންނެވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެރިކަމަށް ގެންނެވުމަށް ތާއިދު ކުރައްވައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ "ބާރުހަތަރެއް" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް ގެންނެވުމަށް ތާއިދު ކުރައްވާ މީހުން މަދު ނޫން ކަމަށާއި، ނަމަވެސް 2028ގެ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނުގެ ތާއިދު އޮތީ ފައްޔާޒަށް ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ ނަމަވެސް، އެ ނިންމެވުމަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.

"ކޮންމެ ބޭފުޅަކު [ވެރިކަމުގެ ޓިކެޓަށް] ކުރިމަތިލި ނަމަވެސް އަޅުގަނޑު ހުންނަ ގޮތުގައި އަޅުގަނޑު ހުންނާނީ. ނޫން، އަޅުގަނޑު މި ހުރީ ފައްޔާޒަށް ތާއިދު ކޮށްގެން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް އެ މަނިކުފާނު ވާދަކުރެއްވުމަށް ޕާޓީގެ ގިނަ މެންބަރުން ގޮވާލަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިން ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރައްވާފައިވާ ނަޝީދާއި ފައްޔާޒު އެކުގައި މަސައްކަތް ކުރައްވާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ދެ ބޭފުޅުން ވަނީ "ބޮޑު ބަދަލު"ގެ ނަމުގައި ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ބަދަލުތަކެއް ވެސް ހުށަހަޅުއްވައިފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާއާއި ސަރުކާރުގެ އިސްވެރިޔާއަކީ ދެ ބޭފުޅެއް ކަމުގައި ހަމަޖެއްސުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާ ގުޅޭ ބަދަލުތައް ވެސް ހިމެނެއެވެ.

ފައްޔާޒުގެ ޓިކެޓަށް ނަޝީދު ތާއިދު ކުރައްވާ ކަން އިއުލާނު ކުރައްވާފައިވަނިކޮށް، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު ވެސް ހިމެނިވަޑައިގަންނަވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.