ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން ހޮވުމަށް ބާއްވަން ތާވަލުކުރި އިންތިހާބު ފަސްކުރީ އެއްވެސް ސިޔާސީ ބޭނުމެއްގައި ނޫން ކަމަށާއި، އެގޮތަށް ނިންމަން ޖެހުނީ ކައުންސިލްތަކުންނާއި އާންމުންގެ ފަރާތުން ލިބުނު ސީރިއަސް ޝަކުވާތަކާ ގުޅިގެން ކަމަށް އެ އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނިމާލް ވިދާޅުވީ، މިދިޔަ އޯގަސްޓް 8 ވަނަ ދުވަހު ބާއްވަން އޮތް އިންތިހާބުގައި ބައެއް ކައުންސިލަރުން ވޯޓުލާން ހާޒިރުނުވާން ރާވަމުންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހާޒިރުނުވާ ކައުންސިލަރުންގެ ބަދަލުގައި، ސިޔާސީ ވަކި ފިކުރެއްގެ މުވައްޒަފުން މެދުވެރިކޮށް ވޯޓު ކަރުދާހުގައި ފާހަގަޖަހައި، ވޯޓާސް ރަޖިސްޓްރީގައި މީހުން އައި ކަމަށް ދައްކަން މަސައްކަތްކުރަން ރާވަމުންދިޔަ ކަމުގެ މައުލޫމާތު ވެސް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ކަމެއް ހިނގައިފިނަމަ އެލްޖީއޭގެ އަބުރަށް ބުރޫއަރާނެ ކަމަށާއި، އެ ބަދުނާމުން ސަލާމަތްވުމަށްޓަކައި އިންތިހާބު ފަސްކުރީ ކަމަށް ނިމާލް ވިދާޅުވިއެވެ. މިހާރު ނިންމާފައި ވަނީ އަތޮޅުތަކުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ކަންކަން ބެލެހެއްޓުމަށް އެލްޖީއޭގެ ހެޑް އޮފީހުގެ މުވައްޒަފުން ފޮނުވުމަށް ކަމަށާއި، އިންތިހާބުގެ ތައްޔާރީތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ