މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މި މަހުގެ ފަހުކޮޅު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅު ކުރައްވާނީ އިންޑިއާގެ ނިއު ދިއްލީގައި ސެޕްޓެންބަރު 12 އަދި 13 ވަނަ ދުވަހު ބާއްވާ 18 ވަނަ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.
ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު 14 ވަނަ ދުވަހުއެވެ. އަދި ރާއްޖޭގައި ދެ ދުވަހުގެ މުއްދަތަކަށް މަޑުކުރައްވާނެއެވެ. މިއީ މެލޭޝިއާގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން އަންވަރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ނަމަވެސް، މި ދަތުރުފުޅު ކަށަވަރުކޮށްދޭ ރަސްމީ ބަޔާނެއް ދިވެހި ސަރުކާރުން މިހާތަނަށް ނެރެފައެއް ނުވެއެވެ. އަދި ބޮޑުވަޒީރު އަންވަރުގެ ދަތުރުފުޅުގެ ތާވަލާއި ބޭއްވެވުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކުގެ ތަފްސީލެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
މި ދަތުރުފުޅަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު، ބޮޑުވަޒީރު އަންވަރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ދެ ގައުމުގެ ދެމެދު ބަދަލުކުރެވޭ މަތީ ފަންތީގެ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާއި، އިތުރު ދާއިރާތަކުން ގުޅުން ފުޅާކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ