ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފެއް ކަމަށް ހެދިގެން، މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 75,457 ރުފިޔާ ފޭރުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އެ ދެ މީހުންނަށް އަދަބު ކަނޑައަޅައިފި އެވެ.
މި މައްސަލައިގައި ހުކުމް އިއްވާފައިވަނީ ޅ. ނައިފަރު، މާވަރު، އަސްލަމް ޒުހޫރާއި ރ. އަލިފުށި، ތަނޑިރަތްމާގެ، މަރްޔަމް ސަފްވާގެ މައްޗަށެވެ.
23 ޖަނަވަރީ 2021 ގައި ހިނގި މި މައްސަލައިގައި، ބީއެމްއެލްއިން ކަމަށް ބުނެ މީހަކަށް ގުޅައި، އެކައުންޓުގައި ސެކިއުރިޓީ މައްސަލައެއް އުޅޭ ކަމަށާއި، ކިޔަވާ ކުދިންގެ ލޯނެއް ހަމަޖައްސައިދޭނެ ކަމަށް ބުނެ އޮޅުވާލައި، އޭނާގެ މަންމަގެ އެކައުންޓުން 75,457.74 ރުފިޔާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރުވި އެވެ. އޭގެ ތެރެއިން 50,000 ރުފިޔާ ޖަމާވީ އަސްލަމްގެ އެކައުންޓަށެވެ. އޭނާ 25,000 ރުފިޔާ އޭޓީއެމުން ނަގައި، ބާކީ 25,000 ރުފިޔާ ފޮނުވީ މަރްޔަމް ސަފްވާގެ އެކައުންޓަށެވެ.
ޝަރީއަތުގެ އިބްތިދާއީ މަރުހަލާގައި ދެ މީހުންވެސް ކުށަށް އިއުތިރާފުވުމުން، މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ. އެގޮތުން، މަރްޔަމް ސަފްވާއަށް 4 މަހާއި 24 ދުވަހުގެ ޖަލު އަދަބެއް އިއްވުމުގެ އިތުރުން، 25,000 ރުފިޔާ 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.
އަސްލަމް ޒުހޫރުގެ ވޭތުވެދިޔަ 6 އަހަރު ތެރޭގައި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑެއް އޮތުމުން އަދަބު ބޮޑުވި ނަމަވެސް، އިއުތިރާފުވުމުން ލުއިދިނުމަށްފަހު އޭނާއަށް ވެސް އިއްވީ 4 މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް އަދަބު ބަދަލުކޮށްދިނުމަށް އެދުމުން ގާޒީ ސަފްއަތު ހަބީބް ނިންމެވީ 3 މަހާއި 24 ދުވަހުގެ ޖަލު އަދަބު 28,800 ރުފިޔާގެ ޖޫރިމަނާއަކަށާއި، ބާކީ 1 މަސްދުވަހުގެ ޖަލު އަދަބު 160 ގަޑިއިރުގެ މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބަކަށް ބަދަލުކުރުމަށެވެ.
ކޮމެންޓު ފޮނުވާ