ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެޕާޓްމަންޓް އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީތަކުގެ ރައްކާތެރިކަން އިތުރުކުރުމުގެ މަސައްކަތް އެ ކުންފުނިން ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން، ހިޔާ ފްލެޓްތަކުގެ ތެރެއިން އެހީތެރިކަމަށް އެދިފައިވާ އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ. އެޗްޑީސީން ބުނީ މިއީ އެ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކާއި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
އެ ކުންފުނިން އިތުރަށް ބުނީ، އެއްމެދު އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންތައް ގަވާއިދާ އެއްގޮތަށް ބެހެއްޓުމަށާއި މަރާމާތުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެހީތެރިކަމަށް އެދޭ އިތުރު ފްލެޓްތަކުގައިވެސް މި މަސައްކަތް ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އުސް އިމާރާތްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އާންމުންގެ ކަންބޮޑުވުންތައް އަޑުއަހައި އަވަސް ހައްލުތަކެއް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށްވެސް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ