ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އިންޖިނިއަރު އަދީބު ޔޫސުފް އަލް-އާމާ އެވެ.
މި އަހަރުން ފެށިގެން 2031 ވަނަ އަހަރާ ހަމައަށް ދެމިގެންދާ މި އެއްބަސްވުމުގެ ދަށުން، ސަރުކާރަށާއި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިން ފެސިލިޓީތައް ހަމަޖެއްސުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ އިމްޕޯޓްކުރުމަށާއި، ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
މިއީ 2019 އިން 2024 އަށް އޮތް ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުން ނިމުމަކަށް އައުމާ ގުޅިގެން ސޮއިކުރި އެއްބަސްވުމެކެވެ. ނިމިދިޔަ އެއްބަސްވުމުގެ ދަށުން 1.5 ބިލިއަން ޑޮލަރު ކަނޑައެޅި ނަމަވެސް، ރާއްޖެއިން ޖުމްލަ 1.7 ބިލިއަން ޑޮލަރު ބޭނުންކޮށްފައިވެ އެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިޓީއެފްސީން ރާއްޖެއަށް ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.
މިނިސްޓަރު ޒަރީރު ވިދާޅުވި ގޮތުގައި، ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްދިން އައިޓީއެފްސީގެ އެހީތެރިކަން މިހާރު ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އިމްޕޯޓްކުރުމުގެ އިތުރުން، މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ދާއިރާތަކަށް ފުޅާވެފަ އެވެ. ޚާއްޞަކޮށް 2017 ވަނަ އަހަރުން ފެށިގެން އެސްޓީއޯއަށް ދެމުންދާ ޓްރޭޑް ފައިނޭންސް ފެސިލިޓީއަކީ މި ގުޅުމުގެ މުހިންމު ބައެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އައިޓީއެފްސީގެ ސީއީއޯ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރާ ބައްދަލުކުރައްވައި، އިގްތިސާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
ކޮމެންޓު ފޮނުވާ