ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށާއި، ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ރައީސުން ހޮވުމަށް ބާއްވަން ހަމަޖެއްސި އިންތިޚާބު ފަސްކުރަން ޖެހުނީ، ވޯޓު އޮޅުވާލުމުގެ މަޢުލޫމާތު ލިބުމުން ކަމަށް، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް އާދިއްތަ ދުވަހު ވިދާޅުވެއްޖެއެވެ.
މި އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރީ މިދިޔަ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ.
ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނިމާލް ވިދާޅުވީ، އިންތިޚާބު ފަސްކުރި ސަބަބެއް ކަމަށް ފުރަތަމަ ސިފަކުރީ އިދާރީ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް، ޙަޤީޤީ ސަބަބަކީ ވޯޓު ފޮށިތައް ބަހައްޓާނެ ތަނާއި، އެ ފޮށިތަކުގެ މައްޗަށް ބާރު ހިންގުމާ ގުޅޭ ގޮތުން ކައުންސިލްތަކުން ހުށަހެޅި ޝަކުވާތަކެއް ކަމަށް ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވި ގޮތުގައި، އިންތިޚާބަށް ބޭނުންވާ އެންމެހައި ތައްޔާރީތައް އެލްޖީއޭގެ ފަރާތުން ފުރިހަމަކުރިއެވެ. ނަމަވެސް، ވޯޓު ނަގާ ދުވަސް ކައިރިވަމުން އައި ވަގުތު، ކުރީގެ އަތޮޅު ކައުންސިލް އޮފީސްތައް ކަމުގައި ވާ އެލްޖީއޭގެ ބްރާންޗްތަކުގައި ވޯޓު ފޮށިތައް ބަހައްޓާތީ، ކައުންސިލްތަކާއި ޢާންމުންގެ ފަރާތުން ޝަކުވާތައް ލިބެން ފެށިއެވެ. އެ ޝަކުވާތަކުގައި ފާހަގަކޮށްފައި ވަނީ، އެ ތަންތާނގައި ތިބި މީހުންނަކީ ސިޔާސީ ގޮތުން ފަރާތަކަށް ބުރަވެފައި ތިބި ބައެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އޮފީސް މެދުވެރިކޮށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ވަރަށް ފުރިހަމައަށް ނިންމާލެވުނު. އެހެންނަމަވެސް، އިންތިޚާބުގެ ކުރީ ދުވަސްކޮޅު، ކުރީގެ އަތޮޅު ކައުންސިލް، މިހާރު އެލްޖީއޭ ބްރާންޗް، އޭގެ ތެރޭގައި ވޯޓު ފޮށިތައް ބަހައްޓާތީ ކައުންސިލްތަކުންނާއި ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބުނު،" ނިމާލް ވިދާޅުވިއެވެ.
ބައެއް ކައުންސިލްތަކުން، އެލްޖީއޭގެ ބްރާންޗްތަކުގައި ވޯޓު ފޮށިތައް ބެހެއްޓުމަށް ދެކޮޅު ހަދާފައި ވަނީ، އަތޮޅު ކައުންސިލްތައް އުވާލި އިރު އެ އޮފީސްތައް ގުޅި ފައި އޮތް ސިޔާސީ ފިކުރެއްގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ވޯޓު ލާން ދިއުމުގެ ދަތުރު ޚަރަދު، ކައުންސިލްތަކުގެ ބަޖެޓުގައި ހިމަނާފައި ނުވާ މައްސަލައާ މެދު ވެސް ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ނިމާލް ވިދާޅުވި ގޮތުގައި، ބައެއް ކައުންސިލްތަކުން ވޯޓުގައި ބައިވެރި ނުވާނެ ކަމުގެ މަޢުލޫމާތު އޭނާއަށް ދެއްވިއެވެ. އަދި ސިޔާސީ ފިކުރެއްގެ ބައެއްގެ ބާރުގެ ދަށުގައި ވޯޓު ފޮށިތައް ހުރުމުން، އެ ފޮށިތަކުގެ ނާޖާއިޒު ބޭނުން ހިފިދާނެ ކަމުގެ ބިރު އޮތްކަން ވެސް ފާހަގަކުރެއްވިއެވެ.
"ބައެއް ކައުންސިލްތަކުން ވޯޓު ނުލާން ވެސް ނިންމައިފި ކަމަށް ބުނި. އެލްޖީއޭ ބްރާންޗްތަކުގައި ވަކި ސިޔާސީ ފިކުރެއްގެ ބަޔަކު ތިބޭއިރު، ވޯޓު ފޮށިތައް ހުންނާނީ އެ މީހުންގެ ބާރުގެ ދަށުގައި [ކަމަށް ބުނި]. މީހަކު ވޯޓު ލާން ނާދޭޏާ، ވޯޓާސް ރެޖިސްޓްރީ ބޭނުންކޮށްގެން އެ މީހެއްގެ ވޯޓު ކަރުދާސް އެހެން މީހަކަށް ފާހަގަ ކުރެވިދާނެ ނޫންތޯ، ވަރަށް ފަސޭހަ ނޫންތޯ؟ ކައުންސިލަރުން ވޯޓު ލާން ނުދާނެ،" ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ނިމާލް ވިދާޅުވިއެވެ.
އެލްޖީއޭގެ ބޯޑަށާއި، ކައުންސިލަރުންނާއި، ޑަބްލިއުޑީސީގެ ރައީސުން ތަމްސީލުކުރާ ގޮނޑިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި 12 ގައެވެ. އޭގެ ފަހުން، ވާދަކުރައްވާ ކެންޑިޑޭޓުންގެ ލިސްޓު އޮތޯރިޓީން ވަނީ ޢާންމުކޮށްފައެވެ.
ވާދަކުރައްވާ ފަރާތްތައް
ރަށު ކައުންސިލަރުންގެ ތެރެއިން:
- ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު (ޕީއެންސީ)
- ނ. މަނަދޫ ކައުންސިލްގެ ރައީސް ޢަލީ ޞާފިރު (އެމްޑީޕީ)
ޑަބްލިއުޑީސީގެ ކެންޑިޑޭޓުންގެ ތެރެއިން:
- ލ. ގަން ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާ (އެމްޑީޕީ)
- ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާ (ޕީއެންސީ)
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބާރުތަކުގެ ތެރޭގައި، މަޤާމުގެ ނާޖާއިޒު ބޭނުން ހިފާ، މަސްއޫލިއްޔަތު އަދާ ނުކުރާ، ނުވަތަ ޤާނޫނީ މާއްދާތަކާ ޚިލާފުވާ ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުން ހިމެނެއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި، ވަކި މުއްދަތަކަށް ކައުންސިލަރުން މަޤާމުން ސަސްޕެންޑް ކުރުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ