ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގި ގްރީން ބިލްޑިންގް ކޮމްޕްލެކްސްގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާއަކީ ގަސްދުގައި ބަޔަކު ކުރި ކަމެއް ކަމަށް ދޭހަވާ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅު އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރުގެ ތަހުގީގީ މާހިރުންނާ ގުޅިގެން ފުލުހުން ކުރި ތަހުގީގުން ސާބިތުވެފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު 12 ގައި ހިނގި އެ ހާދިސާގައި އަލިފާން ރޯވީ ކަރަންޓް ޝޯޓެއް ވެގެން ކަމަށާއި، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.
ނަމަވެސް މިދިޔަ ސެޕްޓެންބަރު 5 ވަނަ ދުވަހު ޔާމީން ވަނީ އެ އިމާރާތުގައި އަލިފާން ރޯކޮށްލީ ބަޔަކު ކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭނެ ކަމަށް ވިދާޅުވެފައެވެ. އެ ވާހަކަފުޅާ ގުޅިގެން ޔާމީނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކުރައްވައި، ތަހުގީގުގައި އިތުރަށް ބައްލަވަން ޖެހޭ ކަމެއް ހުރި ނަމަ އެކަން ބެއްލެވުމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން، ފުލުހުންގެ މައްޗަށް ޔާމީން ކުރެއްވި ތުހުމަތުތައް ތަހުގީގު ކޮށްދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީ، އިންފްރާސްޓްރަކްޗާ މިނިސްޓްރީ، އެންވަޔަރަމަންޓް މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާއެއް ހިންގި އެ އިމާރާތް އެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް އަނދައި، ގިނަ އަދަދެއްގެ މުހިންމު ލިޔެކިޔުންތައް ވަނީ ގެއްލިފައެވެ.
ކޮމެންޓު ފޮނުވާ