ސްޓޭޓްފާމާގެ ފާމަސީތަކުގެ ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކޮށްފި

ސްޓޭޓްފާމާގެ ފާމަސީތަކުގެ ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކޮށްފި

Author
އަހުމަދު
06 ސެޕްޓެމްބަރ 2026 04:53
0

ސްޓޭޓް ފާމަސޫޓިކަލް ކޯޕަރޭޝަންގެ ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކޮށްފި އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި އެ ކުންފުނީގެ ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ނިޒާމު މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އާންމު ރައްޔިތުންނަށްވެސް މި ސްޓޮކް ބެލޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ބޭސް އެތެރެ ކުރުމަށްޓަކައި ސްޓޭޓްފާމާއިން ވަނީ ބޭރުގެ ބައެއް ކުންފުނިތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އަދި 24 ގަޑިއިރު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުމަށް "1505″ ގެ ނަމުގައި ހާއްސަ ހޮޓްލައިނެއްވެސް ވަނީ ތައާރަފުކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއަށް މީގެ ކުރިން ބޭސް އެތެރެކުރަމުން އައީ އެސްޓީއޯއިންނެވެ. ނަމަވެސް ބޭހުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސްޓޭޓް ފާމަސޫޓިކަލް ކޯޕަރޭޝަން އުފައްދައި، މިދިޔަ ޖުލައި މަހު ހުރިހާ ފާމަސީތަކެއް އެ ކުންފުނީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.